ޚަބަރު

ވަކިކުރަން ނިންމާފައިވަނިކޮށް އަބްދުއްސަލާމާއި ޠާހާ އިސްތިއުފާ ދީފި


  • ދެ ބޭފުޅުން ޤާނޫނާ ޚިލާފުވެފައިވާ މައްސަލަ ކޮމިޓީން ވަނީ ދިރާސާކޮށްފައި

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރު ޠާހާ މުޙައްމަދު މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމާފައިވަނިކޮށް އެ ދެބޭފުޅުންވެސް މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އަބްދުއްސަލާމާއި ޠާހާ އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ދެ ބޭފުޅުންވެސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ދެބޭފުޅުން މަގާމުން ވަކިކުރުމަށް ވޯޓަށް އެހުމަށް ތާވަލުކޮށްފައިވަނިކޮށެވެ. މި ދެ މެންބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާ ޚިލާފުވެފައިވާތީއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި އެކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި މެންބަރުން ބިރަކަށް ނުވަތަ ނުފޫޒަކަަށް ލެނބިގެން ނުވާނެ ކަމަށާއި އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތެއް ހާސިލްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި، މެންބަރު ޠާހާ އެ މާއްދާތަކާ ޚިލާފުވެފައިވާކަމަށްބުނެ މައްސަލަތައް ލިބިފައިވާކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބުނެފައެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ އަބްދުއްސަލާމާއި ޠާހާވެސް މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ.

އޭސީސީގެ ދެ މެންބަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ 3 މެންބަރަކު މަގާމުން ވަކިކުރުމުގެ މައްސަލަވެސް މަޖިލީހުގައި ވަނީ ތާވަލުކޮށްފައެވެ.