އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
މި މެޗުން އެއްވަރުވުމާއެކު ޔުވެންޓަސް އަށް ތާވަލްގެ ދެވަނަ އަށް އަރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ނަމަވެސް، ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ބަލިނުވެ އޮތް ހަމައެކަނި ޓީމުގެ ރެކޯޑް ވަނީ ދަމަހައްޓައިފައެވެ. އަނެއްކޮޅުން، މި މެޗާއެކު ޔުވެންޓަސް ވަނީ 2014 ވަނަ އަހަރުގެ ފަހުން ލީގުގެ ފުރަތަމަ 13 މެޗުގެ ތެރެއިން 10 މެޗުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ނިންމާލި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައެވެ.
ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ފޯވާޑުން ކަމަށްވާ، ޑޫސަން ވްލާހޮވިޗް އާއި އާކަޑިއުޝް މިލިކް ނުކުޅެއެވެ. އެހެންކަމުން، އެ ޓީމުން ރޭގެ މެޗު ކުޅުނީ ފޯވާޑެއް ނުލައި، ޓެއުން ކޫޕްމެއިނާސް އާއި ވެސްޓަން މެކެނީ އެންމެ ކުރިއަށް ލައިގެންނެވެ.
މިލާންގެ ސެން ސީރޯގައި ކުޅުނު މި މެޗުގައި ޔުވެންޓަސް އަށް ލަނޑެއްޖަހައިދޭން ނެދަލެންޑްސްގެ މިޑްފީލްޑަރު، ކޫޕްމެއިނާސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ބޭރު ދާގަނޑަށް އަމާޒުވިއިރު، އެ ޓީމުގެ ތުރުކީ ވިންގް، ކެނާން ޔިލްޑީޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މި މެޗުގައި މިލާނަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ރަފައެލް ލެއާއޯ ނަގައިދިން ހިލޭޖެހުމަކުން އެ ޓީމުގެ ސްޕެއިން ފޯވާޑް، އަލްވާރޯ މޮރާޓާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އުޅެނީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އެއްމެޗު މަދުން ކުޅެފައިވާ މިލާން އޮތީ 19 ޕޮއިންޓާއެކު ހަތްވަނައިގައެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅެނީ އެޓަލާންޓާ އެވެ. އެ ޓީމަށް 13 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ދެވަނައިގައި އޮތީ އިންޓަ މިލާނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިނެއްގައި އޮތް ނާޕޮލީ އަށް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން އަލުން އެއްވަނަ އަށް އެރޭނެ އެވެ. ހަތަރުވަނައިގައި އޮތް ފިއޮރެންޓީނާ އަށް ލިބިފައިވަނީ 12 މެޗުން 25 ޕޮއިންޓެވެ.
ލީގުގައި ޔުވެންޓަސް ދެން ކުޅޭ މެޗުގައި އަންނަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ރަށުން ބޭރުގައި ލެއްޗޭއާ ދެކޮޅަށް ނިކުންނައިރު، މި މަހުގެ 30 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މިލާން ނިކުންނާނީ އެމްޕޯލީއާ ދެކޮޅަށެވެ.