ޚަބަރު

އެއަރޕޯޓު އިކޮނޮމިކް ޒޯންގެ ޓަވަރުވާނީ ދިވެހިން ފަޚުރުވެރިވާ ފަދަ ރީތި އިމާރާތަކަށް: ވަޒީރު ސައީދު


  • އެއަރޕޯޓު އިކޮނޮމިކް ޒޯންގެ ދަށުން ތަރައްގީކުރާ ޓަވަރު އިމާރާތްކުރާނީ ފުނަދޫގައި

  • ތެޔޮ ސްޓޯރޭޖުތައް ފުނަދޫއަށް ބަދަލުކޮށް ނިމުމާއެކު ޓަވަރުގެ މަސައްކަތް ފެށޭނެ

  • މިމަޝްރޫޢުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވަނީ ނިންމާފައި

އެއަރޕޯޓު އިކޮނޮމިކް ޒޯންގެ ޓަވަރުވާނީ ދިވެހިން ފަޚުރުވެރިވާ ފަދަ ރީތި އިމާރާތަކަށް ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެއަރޕޯޓު އިކޮނޮމިކް ޒޯންގެ ދަށުން ތަރައްޤީކުރާ ޓަވަރު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ފުނަދޫގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާއި، ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްޤީކުރަން ފެށުމަށް މިއަހަރުގެ ޖަނަވަރީމަހު ބޭއްވި ރަސްމިއްޔާތުގައި ފުނަދޫގައި ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާލުވެފައެވެ.

މި މަޝްރޫޢާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފަރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އެސްޓީއޯ ތެޔޮ ރައްކާކުރާ ރަށް ފުނަދޫ ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި، އެ މަސައްކަތް ނިމުމާއެކު އެތަނުގައި އިމާރާތްކުރާ ޓަވަރުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިޓަވަރުވާނީ ދިވެހިން ފަޚުރުވެރިވާ ފަދަ އިމާރާތަކަށްކަމަށެވެ.

"މިއީ އުސް އިމާރާތަކަށްވުމުގެ އިތުރަށް މީހުން އައިސް ފޮޓޯ ނަގާ ފަދަ ޒީނަތްތެރި އިމާރާތަކަށް އެތަން ވާނެ، އެތަނާއި އެއަރޕޯޓާއި މާލެއާއި ވެސް އޮންނާނީ ގުޅިފައި،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ސަރުކާރުން ނިންމަވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ފުނަދޫގައި ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ހިމެނޭހެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްޤީކުރުމަށެވެ. މިމަޝްރޫޢުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.

ސަރުކާރުން ގެންދަވަނީ ފަސޭހަ މާލީ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ވަނީ ގާއިމްކޮށްފައެވެ. މި އިދާރާގެ ބޭނުމަކީ ރާއްޖޭގައި އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ.

ދިވެހިރާއްޖޭގައި އޯފް-ޝޯ / އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމުކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައްކުރުމަކީވެސް މިއިދާރާ އުފެއްދެވުމުގެ މަޤްޞަދެކެވެ.

ފައިނޭންޝަލް ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ސައީދު ވިދާޅުވީ އަންނަ އަހަރުތެރޭގައި ފައިނޭންޝަލް ސެންޓަރު އުފެދޭނެ ކަމަށެވެ.

"ބަހްރެއިން ގަތަރު އަދި ޔޫއޭއީ ފަދަ ގައުމުތަކުގައި މިކަން ކުރާގޮތް ބަލާ، ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވަނީ ކުރެވިފައި، އެ ބިލް މިހާރު އޮތީ އެޓަރނީ ޖެނަރަލްއާ ހަމައިގައި، މިއަހަރު ނޫނީ އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި ރަސްމީކޮށް ފައިނޭންޝަލް ސެންޓަރުގެ ނިޒާމު އުފެދޭނެ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މި މަސައްކަތުގެ ދަށުން މިމަހުގެ 16ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓު ބޭންކުވަނީ ހުޅުވާފައެވެ.