ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއަށް އަނިޔާވެ އަނެއްކާވެސް އޭނާ ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
މިދިޔަ އަހަރުގެ ސީޒަނުގައި ޖޭމްސް އަށް އަނިޔާވެ ސާޖަރީ އެއް ހެދުމަށްފަހު މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި އޭނާ ކުޅެފައެއް ނުވެއެވެ. އަދި އޭގެ ފަހުންވެސް އޭނާގެ އަސްލު ކުޅުން ދެއްކޭގޮތް ނުވެފައިވާތާ ގިނަ ދުވަސްތަކަކަށްފަހު އަލުން އެނބުރި ޗެލްސީގެ ޓީމުން އޭނާއަށް ފުރުސަތު ލިބެން ފަށާފައިވަނީ މިދިޔަ މަހު އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ އިއްޔެ ބުނެފައިވަނީ މާދަމާ ލެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ރީސް ޖޭމްސް ނުފެންނާނެ ކަމަށާއި މީގެ ދެ ދުވަސްކުރިން ބޭއްވި ފަރިތަކުރުންތަކުގައި ޖޭމްސް އަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް މަރެސްކާ ދީފައެއް ނުވެއެވެ.
މަރެސްކާ އިތުރަށް ބުނެފައިވަނީ ޖޭމްސް އަކީ އެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ އެއްކޮށް ރަގަޅުވެ ޓީމާއި އަވަހަށް ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި ކޮންފަރެންސް ލީގުގައި މި ހަފްތާގައި ކުޅެންޖެހޭ މެޗުގައިވެސް އޭނާ ފެނުން ދުރު ކަމަށެވެ.
ނޭޝަންސް ލީގުގެ ފަހު މެޗުތަކަށް ނެގި އިންގްލޭންޑްގެ ސްކޮޑުން ވަކިވި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޗެލްސީގެ ހުރިހާ ކުޅުންތެރިންވެސް ތިބީ އެއްކޮށް ފިޓްކޮށް ކަމަށާއި ނަމަވެސް ގައުމީ ޓީމަށް ދޫކުރި ގިނަ ކުޅުންތެރިންތަކެއް އަލުން ޓީމާއި ގުޅި އެންމެ ޕްރެކްޓިހެއްގައި ބައިވެރިވުމަށްފަހު މާދަމާގެ މެޗުގައި ކުޅެވޭނެކަން އަދި ޔަގީން ނުވާ ކަމަށްވެސް މަރެސްކާ ވަނީ ބުނެފަ އެވެ.
ލެސްޓަރ ސިޓީ އާއި ދެކޮޅަށް ޗެލްސީ މާދަމާ ނިކުންނައިރު ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު 19 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 28 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.