ޚަބަރު

އެއް އަހަރު ތެރޭ ޒަކާތު ފަންޑުން 1017 މީހަކަށް 9.1 މިލިޔަން ރުފިޔާ


  • 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 8000 މީހަކަށް އެހީ ފޯރުކޮށްދިން

  • މިއަހަރުގެ މިހާތަނަށް 1017 މީހަކަށް އެހީ ފޯރުކޮށްދިން

ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް މިއަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް އެހީ ހަމަޖައްސާދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހެ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވޭތުވެދިޔަ 5 އަހަރު ދުވަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޚަރަދުކުރި މިންވަރު ހާމަކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި ޒަކާތު ފަންޑުން 2019 އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ބޭސްފަރުވާގެ ކަންކަމަށް 8000 މީހުންނަށްވަނީ އެހީ ފޯރުކޮށްދީފައެވެ. މި މުއްދަތުގައި އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ ހުސްވި 2023 ވަނަ އަހަރުއެވެ. މިދިޔަ އަހަރު ބޭސްފަރުވާކުރުމަށް ޖުމުލަ 2379 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޒަކާތު ފަންޑުން ކޮންމެ އަހަރަކުވެސް ބޭސްފަރުވާގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެންމެ ގިނައިން އެއެހީތެރިކަން ފޯރުކޮށްދެނީ ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށެވެ. މީގެ އިތުރުން ޒަކާތު ފަންޑުގެ އެހީގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމަށްޓަކައިވެސް މިއަހަރު ވަނީ 10 މިލިޔަން ރުފިޔާ އެންސްޕާއާ ހަވާލުކޮށްފައެވެ.

2019 އިން 2024 ނޮވެންބަރަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދީފައިވާ މިންވަރު

2019ވަނަ އަހަރު: 1289 މީހަކަށް 15.8 މިލިޔަން ރުފިޔާ
2020ވަނަ އަހަރު: 288 މީހަކަށް 6.2 މިލިޔަން ރުފިޔާ
2021ވަނަ އަހަރު: 997 މީހަކަށް 11.6 މިލިޔަން ރުފިޔާ
2022ވަނަ އަހަރު: 2030 މީހަކަށް 21.4 މިލިޔަން ރުފިޔާ
2023ވަނަ އަހަރު: 2379 މީހަކަށް 20.5 މިލިޔަން ރުފިޔާ
2024ވަނަ އަހަރު ނޮވެންބަރ: 1017 މީހަކަށް 9.1 މިލިޔަން ރުފިޔާ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިއަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުކަން ފާހަގަކުރެވެއެވެ. އެހެން އަހަރުތަކުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ވަރު 76 މިލިޔަނަށްވުރެ ދަށުގައި އުޅުނުނަމަވެސް މިއަހަރު އޮކްޓޫބަރު މަހުގެ ނިއަލަށް މުދަލު ޒަކާތުގެ ގޮތުގައި 88.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދުތައްވެސް އެވުޒާރާއިންވަނީ ހާމަކުރައްވާފައެވެ. އެގޮތުން 2019 އިން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނުވަރު އުޅެނީ 5.6 މިލިޔަން ރުފިޔާއާއި 8.6 މިލިޔަން ރުފިޔާ އާ ދެމެދުގައެވެ. ނަމަވެސް މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.