ކ. ހުރާގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރެއްވުމުގެ ގޮތުން، ބަނދަރު ބޮޑު ކުރެއްވުމަށްޓަކައި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވަމުންދާކަމަށް ހުރާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހުރާގައި ދިރިއުޅޭ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމެވެ. ގާތްގަނޑަކަށް 500 ފޫޓް ދިގު އަދި 250 ފޫޓް ފުޅާ މި ބަނދަރަކީ، އެރަށަށް ބަނދަރުކުރާ އޮޑިދޯނިފަހަރުގެ ނިސްބަތަށް ބަލާނަމަ، އެންމެ އެކަށީގެންވާ ބޮޑުމިނުގެ ބަނދަރެއް ނޫންކަމަށް ހުރާ ކައުންސިލުން ވިދާޅުވެއެވެ.
ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ މޫސާ ވިދާޅުވީ، ބައެއް ދުވަސްދުވަހު ކައިރި ރިސޯޓްތަކުން ގަލްފް ކްރާފްޓް ލޯންޗް ފަހަރުގެ 30 ހާއި 50 ހާއި ދެމެދުގެ އަދަދަކަށް ލޯންޗް އެރަށުގައި ބަނދަރުކުރާކަމަށެވެ. އެހެންކަމުން ބައެއް ފަހަރު ރަށަށް އަންނަ އިތުރު ދޯނިފަހަރުތައް ރަށަށް ލެފުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14662473338961.jpg|ކ. ހުރާ ބަނދަރު ސަރަޙައްދު / ފޮޓޯ: ޕީއެސްއެމް ނިއުސް
"މިހާރު މިއޮތް ބަނދަރާއެކު ހަޤީގަތުގައި ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިލާންޖެހޭ. މި ބަނދަރުވެފައިވަނީ ވަރަށް ގިނަ މީހުން ލަފާފުރާ ބަނދަރަކަށް. ދުވާލު ގަޑިގަޑީގައި އެބަހުރޭ ހަމައެކަނި ގަލްފް ކްރާފްޓް ލޯންޗް ފަހަރުވެސް 30 ހާއި 50 ހާއި ދެމެދުގެ އަދަދަކަށް ބަނދަރުކޮށްފައި. ބައެއްފަހަރު ރަށަށް އަންނަ އިތުރު ދޯނިފަހަރުތަކަށް ކައިކުރުމުގައި ދަތިތަކަކާއި ބައެއް ފަހަރު ކުރިމަތިލާންއެބަޖެހޭ. މިހާރު މިއޮތް ބަނދަރުގެ ޖާގަބޮޑުކުރެވިގެން ނޫނީ، ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލެއް ނުކުރެވޭނެ" ހުރާ ކައުންސިލްގެ ރައީސް އިސާ މޫސާ ވިދާޅުވިއެވެ.
ކ. ހުރާ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް ރަށު ފެންވަރުގައި ޢަމަލީގޮތުން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވި ނަމަވެސް، ބަނދަރުގެ ޖާގަބޮޑުކުރުމަށް ކަމާގުޅޭ އިދާރާތަކާއި އެކު މިހާރުވެސް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ހުރާ ކައުންސިލުން ވިދާޅުވެއެވެ. އަދި މިމަސައްކަތް ވީހާވެސް އަވަހަށް ފެށިގެން ދިއުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ހުރާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ހުރައަކީ ގާތްގަނޑަކަށް 2500 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ތަރައްޤީގެ މާބޮޑު މަޝްރޫޢުތަކެއް މިވަގުތު އެރަށުގައި ކުރިއަށްނުދިޔަ ނަމަވެސް، ލޯކަލް ޓޫރިޒަމްއާއެކު، ހުރާއަކީވެސް ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ.