ޚަބަރު

ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ކޮންގްރެސްގެ ޑިމޮކްރެޓުން ބާރުއަޅަނީ


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެންބަރުން ރައީސް ޖޯ ބައިޑަނަށް ބާރު އަޅުއްވައިފިއެވެ. އެ ކަމަށް ބާރުއަޅުއްވައި، ކޮންގްރެސްގެ 90އަށްވުރެ ގިނަ މެންބަރުން ވަނީ ބައިޑަނަށް ސިޓީއެއް ފޮނުއްވާފައެވެ.

ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދީ ޢާންމުން، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ކުށްތަކާއި، އަނިޔާވެރި އަމަލުތައް، ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި، ހުޅަނގު އައްސޭރީގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ކުށްތައް ހިންގުމަށް ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓުގައި ހިމެނޭ ހައްދުފަހަނަ އެޅި ދެ ވަޒީރުން ކަމުގައިވާ މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗާއި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގުވީރު ހިތްވަރުދެމުންދާ ކަމުގައި ފާހަގަކޮށް، އެ ސިޓީގައި އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

"އަޅުގަނޑުމެންގެ ސިޓީގެ މަޤުޞަދަކީ [ޔަހޫދީން ހިންގަމުންދާ] އަނިޔާވެރިކަމުގެ އަމަލުތައް އިތުރު ކުރުމާއި، ވަޒަންވެރިން އިތުރު ކުރުމާއި، ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ބާރު ކަނޑުވައިލުމަށް ކުރަމުންދާ މަސައްކަތްތަކާއި ހުޅަނގު އައްސޭރީގެ ހަމަޖެހުން ނަގައިލުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކުރުން،" ބައިޑަނަށް ފޮނުވާފައިވާ ސިޓީގައި ލިޔެފައިވެއެވެ.

އެ ސިޓީގައި، ކޮންގްރެސްގެ މަތިގެ، ސެނެޓުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ 17 މެންބަރުންނާއި، ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި އެ ޕާޓީ ތަމްސީލު ކުރައްވާ 71 މެންބަރުން ސޮއި ކުރައްވާފައިވެއެވެ. އެ ބޭފުޅުން ވިދާޅުވީ، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނަށް އަމާޒުކޮށް 1,270އަށްވުރެ ގިނަ ފަހަރު ޙަމަލާ ދީފައިވާ ކަމާއި، އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމުގައެވެ.

ބައިޑަނަށް އެ ސިޓީ ފޮނުވާފައި ވަނީ އޮކްޓޫބަރު 29ވަނަ ދުވަހުއެވެ. އަދި، މީޑިޔާތަކާ އެ ސިޓީ ހިއްސާ ކޮށްފައި ވަނީ، ވައިޓް ހައުސުން އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުވަތަ ރައްދެއް ދީފައި ނެތުމުންނެވެ. ބައިޑަންގެ ސަރުކާރުން ސިޓީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަން، ސިޓީގައި ސޮއި ކުރައްވާފައިވާ ތިން މެންބަރަކު ކަށަވަރު ކޮށްދެއްވިއެވެ. ސިޓީގައި ސޮއި ކުރައްވާފައިވާ މެންބަރުންގެ ތެރޭގައި ސެނެޓަރު ކްރިސް ވެން ހޮލެން، ހައުސްގެ މެންބަރު ރޯޒާ ޑެލައުރޯ އަދި ޝޯން ސެންޓެން ހިމެނި ވަޑައިގަންނަވައެވެ. އެ ތިން ބޭފުޅުން ވިދާޅުވީ، ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ބައިޑަނަށް ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރެއް ކަމުގައެވެ.

މި މައްސަލައިގައި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބޭނުމަކީ، އިންސާނީ ޙައްޤުތަކަށް އަރައިގަންނަ މައްސަލަތަކުގައި އެމެރިކާއިން ފިޔަވަޅު އަޅާނެ ކަން ޔަހޫދީންނާއި އެމެރިކާގެ އެކުވެރިންނަށް ހާމަކޮށްދިނުން ކަމުގައި ވެސް އެ ތިން ބޭފުޅުން ވިދާޅުވިއެވެ. "މިއީ، [އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން] ނަތަންޔާހޫގެ ސަރުކާރުން ހިންގަމުންދާ ހަރުކަށި އަމަލުތަކަށް ރުހިގެން، އެ އަމަލުތަކުގައި ތައްގަނޑު ޖަހައިދޭން އެމެރިކާއިން ނޯންނާނެ ކަން ރައީސް ބައިޑަން ހާމަކޮށްދޭންވީ ވަގުތު،" ވެން ހޮލެން ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިމަތީގައި އެމެރިކާއިން އަބަދު ވެސް ދަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ތާޢީދުކޮށް، އެ ކަމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުތަކަށް އެމެރިކާއިން ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަމާ އެއްބާރުލުން ދެމުންނެވެ. ޖަރީމާތައް ހުއްޓައިނުލުމަށް ހިތްވަރު ދެމުންނެވެ. އަދި، ޖަރީމާތައް ހިންގުމަށް ބޭނުންވާނެ ހުރިހާ ހަތިޔާރެއް، އެއްވެސް ހުރަހެއް، ޖެހިލުމެއް ނެތި ފޯރުކޮށްދެމުންނެވެ.

ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންތަކެއް ބައިޑަނަށް ފޮނުއްވާފައިވާ ސިޓީއެއް ހާމަކޮށްފައި މި ވަނީ، 2025ވަނަ އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރިއަށް ވެރިވެގަނެ، އެއީ ޔަހޫދީންގެ ސިޔާދަތީ ބާރު ހިނގާ ތަނަކަށް ހެދުމަށް ސްމުތުރީޗު އަންގާފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ މާލީ ވަޒީރު ކަމުގެ މަޤާމުގެ އިތުރުން ދިފާޢީ ވުޒާރާގައި ހުންނަ، ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ބިންތަކާ ގުޅޭ އިދާރީ އަދި ސަލާމަތީ ކަންކަމާ ބެހޭ އިދާރާގައި ވެސް ސްމުތުރީޗަކީ އިސް ދައުރެއް އަދާ ކުރަމުންދާ ޔަހޫދީއެކެވެ.

ހުޅަނގު އައްސޭރިއަކީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ކަނޑައެޅުމުގެ ވާހަކަތައް ސްމުތުރީޗު ދައްކާފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,736އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ