ޚަބަރު

ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ހަށިގަނޑު ހާމަކޮށްގެން ދިނާއި ޤައުމަށް ލިބޭނެ ކާމިޔާބީއެއް ނެތް: ރައީސް


  • އިސްލާމީ އުސޫލުތަކާއި ހިލާފު ރީތީގެ މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށް އެ މުބާރާތުގައި ބައިވެރިވުމަށް ދިވެއްސަކު ދަނީ މަސައްކަތްކުރަމުން

ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ހަށިގަނޑު ހާމަކޮށްގެން ދިނާއި ޤައުމަށް ލިބޭނެ ކާމިޔާބީއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ މިއަހަރު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމީ އުސޫލުތަކާއި ހިލާފު ރީތީގެ މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށް އެ މުބާރާތުގައި ބައިވެރިވުމަށް ދިވެއްސަކު މަސައްކަތް ކުރަމުންދާކަމަށް މީޑިޔާގައި އަޑުފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޕޯސްޓުގައި އިސްރާ ސޫރަތުގެ 81 ވަނަ އާޔަތާއި އެ އާޔަތުގެ މާނަވެސް ހިއްސާކުރައްވާފައެވެ.

" وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ"

އިސްލާމީ ޢަޤީދާއާ ޚިލާފު ހަރަކާތްތަކާއި މުބަރާތްތަކުގައި ދިވެހިން ބައިވެރިވުން ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިންވެސް ވަނީ މިއަދު ނޫސް ބަޔާނެއް ނެރުއްވާފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ރީތީގެ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއްކަމަށް ދޭހަވާގޮތަށް ޚަބަރުތަކެއް ފަތުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއްނޫންކަމަށް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިންގެ ދީނާއި ޢަޤީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ޤަބޫލުކުރާ ޢާންމު އަޚުލާޤީ މިންގަނޑުތަކާއި އުޞޫލުތަކާވެސް ޚިލާފު ކަމެއްކަން އެބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.