ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވާ މީހާ ޖޫރިމަނާ ކުރުމުގެ އިތުރުން އެ މީހަކު ނިސްބަތްވާ ސިޔާސީ ޕާޓީވެސް ޖޫރިމަނާކުރާގޮތަށް ޤާނޫނަށް އިސްލާޙު ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިޞްލާހު ޤާނޫނަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއްކަމަށް ބަޔާންކުރައްވާފައިވަނީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލު އިސްލާހުކޮށް، ޤާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމަށް ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމަށްކަމަށެވެ. އަދި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު ހުށަހަޅާ ފޯމު ޤާނޫނުގެ ޖަދުވަލުގައި ހިމެނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާގޮތުގެ މަތިން ހުށަހެޅޭގޮތަށްވެސް މި އިސްލާހުގެ ދަށުން ހަމަޖެއްސުމަކީވެސް ޤާނޫނު އިޞްލާހު ކުރުމުގެ މަޤްޞަދެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.
ޤާނޫނަށް ގެންނަ އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަކުރުމާ ގުޅޭގޮތުން އޮތް މާއްދާ އުނިކޮށްފައެވެ. އެ މާއްދާގައިވާގޮތުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކަށް އިންތިޚާބުތަކުގެ ޕްރައިމަރީގައި ވާދަކުރުމަށްފަހު އެހެން ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަނުކުރެވޭނެއެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ހިމަނާފައިވާ މާއްދާއަށްވެސް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. އެ އިސްލާހުގައިވާގޮތުން ސިޔާސީ ޕާޓިތަކަށް ފައިސާ ދޫކުރާނީ އަހަރީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ. މިހާރު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ.
ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާގޮތުން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުގައިވެއެވެ. މިހާރު ޖޫރިމަނާ ކުރަނީ ޤާނޫނާ ޚިލާފުވާ މީހާ އެކަންޏެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހު ތަސްދީގުކުރައްވާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތައް އިސްލާހު ކުރުމަށް ވަނީ ބަޔާންކުރައްވާފައެވެ.