ޚަބަރު

މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމަށް ސަޢޫދީގެ ކުންފުންޏަކާއި ހަވާލުކޮށްފި


  • މަސައްކަތް ހަވާލުކޮށްފައިވަނީ 5.2 މިލިއަން ޑޮލަރު ނުވަތަ 80 މިލިއަނެއްހާ ރުފިޔާއަށް

މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމަށް ސަޢޫދީގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މުލަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އާރްއޯއެސް ފޯ ޓްރޭޑިން ކޮމްޕެނީއާއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރުއެވެ. އަދި އާރްއޯއެސް ފޯ ޓްރޭޑިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓަރު ހަމަދު މުހައްމަދު އަލްމިންހާލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މެދު ރާއްޖެތެރޭގައި މަސް ގަންނަ ފެސިލިޓީތައް ނެތްއިރު، މުލަކުގައި ޤާއިމްކުރާ ކޯލްޑް ސްޓޯރޭޖާއެކު އެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މުލަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމަށް ސަޢުދީގެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 5.2 މިލިއަން ޑޮލަރު ނުވަތަ 80 މިލިއަނެއްހާ ރުފިޔާއަށެވެ. އަދި މަސައްކަތް ނިންމުމަށް ވަނީ 300 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މުލަކުގައި ޤާއިމްކުރާ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ހުންނާނެކަމަށެވެ.

ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ މަސައްކަތްކުރަމުންދާ މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިންނަށް ފަސޭހަކޮށްދިނުމަށް ކޯލްޑް ސްޓޯރޭޖާއި އައިސް ޕްލާންޓާއި ކަނދުފަތިތައް ޤާއިމްކުރަމުންނެވެ.