ޚަބަރު

ބޭނުންވާ ސްޕީޑުގައި ބުރިޖުގެ މަސައްކަތް ކުރިއަށްނުދޭ، މިހާތަނަށް ނިމުނީ %45 މަސައްކަތް


  • މަސައްކަތް ނިންމާ މުއްދަތު ދެން އިތުރެއް ނުކުރާނެ

  • މޫސުން ގޯސްވެގެން މަޝްރޫޢު ލަސްވާންޖެހޭކަމަށް ގަބޫލުނުކުރެވޭ

  • މިހާރު ހުރި ލަސްތަކާއެކުވެސް ޝެޑިއުލާއެއްގޮތަށް މަޝްރޫއު ނިންމާލެވޭނެ

ތިލަމާލެ ބްރިޖްގެ ބައެއް ކްރިޓިކަލް މަސައްކަތްތައް ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަމަށާއި ތާވަލާއެއްގޮތަށް މަޝްރޫއު ނިންމުމަށް އިންޑިއާ ސަރުކާރާއި ބްރިޖްގެ ކޮންޓްރެކްޓަރާއެކު މަސައްކަތްކުރަމުންދާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ކުރައްވަމުންގެންދަވާ މުހިއްމު މަޝްރޫޢޫތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މާލެ ތިލަފުށި ލިންކް މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ބްރިޖުގެ ޕްރީކާސްޓް ސެގްމަންޓުގައި މިހާތަނަށް ނިމިފައިވަނީ %43.5 ކަމަށެވެ. އަދި ތަނބުތަކުގެ ޕައިލިންގެ %79.5 އާއި ޕައިލް ކެޕްގެ %67.8 މަސައްކަތް ނިމިފައިވާއިރު، ޕިއަރ ކޮންޕްލެކްސްގެ %62.2 މަސައްކަތް ނިމިފައިވަކަމަށެވެ. މިއާއެކު މިހާތަނަށް ނިމިފައިވަނީ މުޅި މަޝްރޫޢޫގެ %45.82 މަސައްކަތެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢު ކުރިއަށްގެންދާ ކޮންޓްރެކްޓަރަކީ މީގެ ކުރިން މިފަދަ މާހައުލެއްގައި ބްރިޖް އެޅުމުގެ މަސައްކަތް ކުރި ކުންފުންޏަކަށް ނުވުމުގެ ސަބަބުން މަޝްރޫއު ކުރިއަށްގެންދިއުމުގައި ދަތިތަކާ ކުރިމަތިވެ ލަސްތަކެއް ވެފައިވާކަން ސަރުކާރު ބަދަލުވުމަށްފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.

ވެރިކަން ބަދަލުވިއިރު، 15 ނޮވެންބަރު 2023ގައި ސޮއިކޮށްފައިވާ ސަޕްލިމެންޓްރީ އެގްރީމެންޓުގައި 30 މަސް ދުވަހަވަހަކީ މަޝްރޫއުގެ މަސައްކަތް ނިންމަން އެކަށީގެންވާ މުއްދަތެއްކަމާއި މަސައްކަތް އޭރު ކުރިއަށްގެންދިޔަ ސްޕީޑަށްބަލައި، އެއީ މަސައްކަތް ނިންމޭ ވަރުގެ މުއްދަތެއްކަން އަދުގެ ސަރުކާރުން ޤަބޫލުކުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެޔަގީންކަން ކޮންޓްރެކްޓަރު ދެއްވުމަށްފަހު، މޫސުން ގޯސްވެ ކަނޑަގަދަވުމާ ގުޅުވައިގެން ސަބަބު ދައްކައިގެން ބައެއް މަސައްކަތްތައް ލަސްވާކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާ ބޮޑުތަނެއް ލަސްކަމަށް ނުފެނުނު ނަމަވެސް ބައެއް ކްރިޓިކަލް މަސައްކަތްތައް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ކުރިއަށްނުދާކަން ފާހަގަކޮށްލަން. އޭގެތެރެއިންވެސް ޑީޕް ސީ ޕައިލިންގެ މަސައްކަތްތައް އަޅުގަނޑުމެން ބޭނުންވާ ސްޕީޑެއްގަ ނުދޭ. އެހެންވީމަ އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ އަޅުގަނޑުމެން ގަބޫލުނުކުރާކަން ކަނޑު ގަދަވެގެން އަންނަ ކަމަކީ އެބޭފުޅުންނަށް ސަބަބެއް ގޮތުގައި ދައްކައިގެން އިތުރު މުއްދަތެއް އޮތް ފުރުޞަތެއްކަމަކަށް" ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ބުރިޖްގެ މަސައްކަތް ނިންމަން ކޮންޓްރެކްޓަރު އެންމެ ފަހުން ދީފައިވާ 30 މަސް ދުވަހަކީ ސަރުކާރުން ދިން މުއްދަތެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މުއްދަތު އިތުރުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ސަރުކާރުން ގަބޫލުނުކުރައްވާކަމަށެވެ.

އިންޑިއާ ސަރުކާރާއި މަޝްރޫއުގެ ކޮންޓްރެކްޓަރާއި މަޝްވަރާކޮށްގެން މުހިއްމު ބައެއް މަސައްކަތްތައް ލަސްވާ ލަސްވުން އަވަސްކޮށް ޝެޑިއުލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ނިންމާލުމަށްކަމަށް މަސައްކަތް ކުރަމުންގެންދަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢުގެ %45.82 މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ.

ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.