މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ކެއަރ ސޮސައިޓީއަށް "ޗައިލްޑް ސްޕޮންސަރޝިޕްގެ ގޮތުގައި 240,000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ކެއަރ ސޮސައިޓީގެ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަށް އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ހަދިޔާކުރި 240،000 ރުފިޔާގެ "ޗައިލްޑް ސްޕޮންސަރޝިޕް"ގެ ރަމްޒީ ޗެކް އެ ސެންޓަރާ ޙަވާލުކޮށްދެއްވީ، އެކަމަށްޓަކައި މުލިއާގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު ޢިބްރާހީމްއެވެ.
ކެއަރ ސޮސައިޓީގެ ބެލުމުގެ ދަށުން ކުރިއަށްދާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ކިޔަވަމުންދާ 20 ކުއްޖަކަށް އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ވަނީ މި ސްޕޮންސަރޝިޕް ހަދިޔާކޮށްފައެވެ. ޗައިލްޑް ސްޕޮންސަރޝިޕްގެ ދަށުން ސްޕޮންސަރ ކުރެވުނު ދަރިވަރުންނަށް އެކަމުގެ ލިޔުންވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ.
މި ސްޕޮންސަރޝިޕްގެ ދަށުން 20 ކުއްޖެއްގެ އެއް އަހަރު ދުވަހުގެ ކިޔެވުމާއި، އެކުދިންނަށް ބޭނުންވާ ފަރުވާ ހަމަޖެހިފައިވާ އުސޫލެއްގައި ދަށުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އެހީ ހަވާލުކުރުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ކެއަރ ސޮސައިޓީއަށް ހަދިޔާކުރި މި ފައިސާއަކީ އެކުންފުނީގެ ސީ.އެސް.އާރ ޕްރޮގްރާމްގެ ތެރެއިން ކުރެވިގެންދިޔަ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ މިފަދަ ގޮތްގޮތުން މުޖުތަމަޢުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ކަމަށެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައިވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރެވުނުކަން ފަޒުލް ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެއަރ ސޮސައިޓީގެ ޗެއަރޕާރސަން ޢަބްދުލްހަމީދު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ފަރާތުން އެކިގޮތްގޮތުން އެ ސެންޓަރަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މި ލިބުނު އެހީއާއެކު ކައިރި މުސްތަޤުބަލެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން "އަރލީ އިންޓަރވެންޝަން ޕްރޮގްރާމް"އެއް އެ ސެންޓަރުގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ކެއަރ ސޮސައިޓީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަކީ ޖިސްމާނީ އަދި ނަފްސާނީގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިން، މުޖުތަމަޢުގައި ބޭނުންތެރިބަޔަކަށް ހެދުމުގެ މުހިއްމު މަޤްސަދުގައި ކުރިއަށްގެންދާ ސެންޓަރެކެވެ.