ޚަބަރު

ހިތަދޫގައި ހިންގި މާރާމާރީއާއި ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި


ރޭ އައްޑޫ ސިޓީގައި ހިނގި މާރާމާރީއާއި ގުޅިގެން، އައްޑޫ ސިޓީގައި އަމާންކަން ދެމެހެއްޓުމަށް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އައްޑޫ ސިޓީގައި 2 ގުރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީގައި 5 މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.

އައްޑޫ ސިޓީގައި ކުށްމަދުކުރުމަށް ފުލުހުން ފެށި މި ޚާއްސަ އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ، ރޭގެ މާރާމާރީ އާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަނެއް ފަށައި އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށެވެ. މިގޮތުން ރޭ ހިންގި އޮޕަރޭޝަންގައި 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭގެ ތެރެއިން 10 މީހެއްގެ ބަންދުގެ މުއްދަތު ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް އިތުރުކޮށް ދީފައިވާކަމަށް ޙުސައިން ސަމީރު ވިދާޅުވިއެވެ. މި މީހުންގެ ތެރޭގައި މަސްތުގެ ޙާލުގައި ގެނެވުނު މީހުން ހިމެނޭކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

މީގެ އިތުރުން ރޭގެ މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވި ހުރިހާ މީހުން ތަޙްޤީޤަށް ހާޒިރުކޮށް އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާނުލައި ކުރިޔަށް ގެންދާކަމަށާއި، ހައްޔަރު ކުރަންޖެހުނު ކޮންމެ މީހަކުވެސް ކޯޓު އަމުރު ހޯދައިގެން ހައްޔަރުކުރާނެ ކަން ޑިވިޜަން ކޮމާންޑަރު ފާހަގަކުރެއްވިއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ތަންތަން ބަލައި ފާސްކޮށް، ކަމެއްނެތި މަގުމަތީގައި އުޅޭ މީހުންނާއި ސުވާލުކުރާނެ ކަމަށާއި، ބޭނުމެއްނެތި ދަންވަރުގެ ވަގުތުތަކުގައި އުޅޭ މީސްމީހުން ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި ގުރޫޕް ހަދައިގެން އެކި ސަރަޙައްދުތަކުގައި ތިބޭނަމަ އެބަޔަކާއިވެސް ސުވާލުކޮށް އެފަދަ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި ހިނގާ ކުށްތައް މަދުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ރަށުތެރޭގައި ހިނގާ ކުށްތައް މަދު ކުރުމަށް ކުރެވޭ މަސައްކަތުން އެކަންކަން ހުއްޓުވެމުންދާކަން ވެސް ޑިވިޜަން ކޮމާންޑަރ ވަނީ ފާހަގަ ކުރައްވާފައެވެ.