ޚަބަރު

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ރިޓްރީޓްގައި، ނައިބު ރައީސް ބައިވެރިވެވަޑައިގެންފި


  • ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ބައިވެރިވަޑައިގެންނެވި

ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް، ޗޮގަމް 2024ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ.

ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ރިޓްރީޓަކީ، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި، މާނަހުރި ގޮތެއްގައި އިސްވެރިންނަށް ޝާމިލުވެވަޑައިގެންނެވޭނެ ފުރުޞަތު ފަހިކޮށްދޭ ހަރަކާތެކެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ބައިވެރިވަޑައިގެންނެވިއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުހިންމު ކަމެއް ދެއްވައެވެ.

ކޮންމެ 2 އަހަރަކުން އެއް އަހަރު އޮންނަ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައެވެ. މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވަމަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.