ޚަބަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ގުރައިދޫގައި ފަށައިފި


  • އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅުއެޅުމަށް

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ގުރައިދޫގައި ފަށައިފިއެވެ.

އިމިގްރޭޝަނާއި ފުލުހުންނާއި، ކަމާގުޅުން ހުރި އެހެން އިދާރާތައް ގުޅިގެން ކ.ގުރައިދޫގައި ހިންގާ
މިއޮޕަރޭޝަނަކީ ރަށްރަށުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅުއެޅުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއީ މިއޮޕަރޭޝަން ރާއްޖޭގެ ރަށެއްގައި ފެށި ފުރަތަމަ ފަހަރުއެވެ.

މިއޮޕަރޭޝަނާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މީގެކުރިން ވިދާޅުވެފައިވަނީ މިއޮޕަރޭޝަން އަތޮޅުތެރެއަށް މިމަސައްކަތް ފުޅާކުރުމުގެ ޕްލޭންތައް ރޭވެމުންދާކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުންކަމަށް ޝަމްޢާންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން އިމިގްރޭޝަނުން މިއަހަރު ވަނީ އަމާޒު ހިފާފައެވެ. އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށެވެ.

ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވީ ނަމަވެސް މިކަމަށް އެދެވޭ ނަތީޖާއެއް ވަނީ ނުލިބިފައެވެ. އެހެންނަމަވެސް މި ސަރުކާރުން އަޅަން ފެށި ހަރުކަށި ފިޔަވަޅުތައް ފާހަގަކޮށް، އާއްމުންވެސް ދަނީ އިމިގްރޭޝަންގެ މަސައްކަތަށް ތައުރީފްކުރަމުންނެވެ.