ޚަބަރު

ޑޮލަރު ލިމިޓް ބޮޑުކޮށްދިނުމަކީ ދަރިވަރުންނާއި އާއިލާތަކަށް ލިބޭނެ ބޮޑު ފަސޭހައެއް: ސަރުކާރު


  • ބީއެމްްއެލްއިން ވަނީ ދަރިވަރުންނަށް ޑޮލަރު ލިިމިޓް 1200 ޑޮލަރަށް ބޮޑުކުރުމަށް ނިންމާފައި

  • މީގެކުރިން މަހަކު ނެގެނީ 750 ޑޮލަރު

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު ބޮޑުކުރަން ނިންމެވި ނިންމެވުމަކީ ދަރިވަރުންނާއި އާއިލާތަކަށް ލިބޭނެ ބޮޑު ފަސޭހައަކަށް ވެގެންދާނޭކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ނެރުއްވި ނޫސް ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ޙައްލުކޮށްދެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެއްވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރައްވާކަމަށެވެ. މިގޮތުން، 24 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ފެށްޓެވުމަށް ފުރަތަމަ ކުރައްވާ ކަމެއްގެ ގޮތުގައި، ބޭރު ޤައުމުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު އަންނަ މަހުން ފެށިގެން 750 ޑޮލަރުގެ ބަދަލުގައި 1200 ޑޮލަރަށް ބޮޑުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނިންމެވުމަކީ، އެ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމަށް ސަރުކާރުގެ ބަޔާނުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ ދިވެހި ޤައުމުގެ ތަރައްޤީގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުޢާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ޤައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިޞްލާޙީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ގެންދާނެކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.