ޚަބަރު

ޒަކާތު ފަންޑުން ފަލަސްޠީނަށް 1 ލައްކަ ޑޮލަރުގެ އެހީއެއް


  • ޒަކާތު ފަންޑުން ވަނީ ފައިސާގެ އެހީ ޤަތަރު ރެޑް ކްރެސެންޓާ ހަވާލުކޮށްފައި

އިސްރާޢީލުގެ ނިރުބަވެރި ޔަހޫދީން ފަލަސްޠީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ހައުސްއިން 1 ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.

ޒަކާތު ހައުސްއިންދޭ އެހީގެ ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޤަތަރު ރެޑް ކްރެސެންޓާ ދެމެދުއެވެ.

މިއެއްބަސްވުމުގައި ވުޒާރާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ޤަތަރު ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ޒަކާތު ހައުސްއިން ދޭ 1 ލައްކަ ޑޮލަރުގެ ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ. އަދި މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއަށްކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

ދިވެހި ސަރުކާރުން ދަނީ ފަލަސްޠީންގެ މުސްލިމުންނަށް ގިނަ އެހީތަކެއް ވަމުންނެވެ. އެގޮތުން މިހާތަނަށް އައިރު ސަރުކާރުން އިސްނަގައިގެން ޓީވީ ޓެލެތޯންތަކާއި ފަންޑް ރައިޒިން ހަރަކާތްތައް ބާއްވާފައިވެއެވެ. އަދި ފަލަސްޠީނުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަން ދެއްކުމުގެ ގޮތުން ޔަހޫދީ އިސްރާޢީލު ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.