ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މާދަމާ ހެނދުނު 11:00 ޖަހާއިރު އޮންނަ މަޖިލީހުގެ ޖަލްސާގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އެ ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުން އެކަންޏެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއްކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޙަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ.
މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދަޅުވީ ސަޕްލިމެންޓަރީ ބަޖަޓެއް ހުށަހަޅަނީ ދައުލަތުގެ ކޭޝްފްލޯއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި، ޚަރަދުތައް ފޫބެއްދުމަށްކަމަށެވެ.
މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް އެޖެންޑާކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން ޚަރަދުތައް ފޫނުބެއްދޭތީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުތަކުގައިވެސް ވަނީ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މީގެކުރީ ސަރުކާރުތަކުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަމުން އައީ ޤާނޫނާއި ޚިލާފަށްކަމަށެވެ. އެގޮތުން ޚަރަދުތައް ކުރުމަށްފަހު އެ ޚަރަދުތައް ފޫބެއްދުމަށް މަޖިލީހަށް ބަޖެޓު ހުށަހަޅާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ ޤާނޫނުގައިވާ ގޮތުގެ މަތީންކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.
މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން 5 ވަރަކަށް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ.