ދަނޑުވެތިކަމުގެ އުފެއްދުންތައް ވިއްކުމަށް ޚާއްސަ "އިހުރު ބާޒާރު" ނުވަތަ ދަނޑުވެރިންގެ މާރުކޭޓު އއ. ތޮއްޑޫގައި ހުޅުވައިފިއެވެ. މިއީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަަށުން ޔޫއެންޑީޕީއާއި ގުޅިގެން ތަރައްޤީ ކޮށްފައިވާ މާރުކޭޓެކެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު ހިންގާ އިހުރު ބާޒާރު މަޝްރޫއުއަކީ ތޮއްޑޫގެ ދަނޑުވެރިން އުފައްދާ އުފެއްދުންތަށް މާކެޓްކޮށް ވިއްކުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި މިތަނަކީ ތޮއްޑޫއަށް އަންނަ ފަތުރުވެރިންނަށްވެސް މި އުފެއްދުންތަށް ވިއްކޭނެހެން ތަރައްޤި ކޮށްފައިވާ ތަނެއް ކަމަށް ބީސީސީން ބުނެއެވެ. މީގެ ސަބަބުން ބައިނައަޤްވާމީ މާކެޓަށް ދަނޑުވެރިކަމުގެ އުފެއްދުންތަށް ނެރުމަށް މަގުފަހިވާކަމަށް ބީސީސީން ވިދާޅުވެއެވެ.
ތޮއްޑޫގެ އިހުރު ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓްކެއުޗީ މިޑޯރީ ވިދާޅުވީ މި މާރުކޭޓުން ދަނޑުވެރިންގެ ކުރިެރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފްންނީ ތަމްރީނު ދެވޭނެ ކަމަށް ސަފީރު ވިދާލުވިއެވެ.
"މި މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ އާންމު މިންގަނޑުތަކާއި ގުޅޭގޮތުން ދަނޑުވެރިންނަށް މަސައްކަތު ބައްދަލުވުންތައް ބާއްވާ ފަންނީ ތަމްރީނުތަކެއް ދެވޭނެ. އޭގެ ތެރޭގައި ޕެސްޓިސައިޑް ބޭނުން ކުރުމާއި، ވެލިއުއެޑެޑް ޕްރޮޑަކްޓްސް އުފެއްދުމާ އެކު ދެމެހެއްޓެނި ދަނޑުވެރިކަމަކަށް ތަމްރީނު ދެވޭނެ" ޖަޕާނު ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫެއެންޑީޕީގެ ކަންޓްރީ ރިޕްރެޒެންޓޭޓިވް އެންރީކޯ ގަވެގްލިއާ ވިދާޅުވީ މި މާރުކޭޓުގެ ސަބަބުން ދަނޑުވެރިންނަށް އިޔުރު ފުރުސަތުތަކެއް ލިބު، އާމްދަނީ އިތުރުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ މިކަމުގެ ސަބަބުން ދަނޑުވެރިކަން ކުރިއެރުވުމަށް ފަހި ފުރުޞަތުތަކެއް ލިބި، އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިވެގެން ދިއުން" ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވިދާޅުވިއެވެ.
މި މާރުކޭޓަކީ އެންމެ ޒަމަނީ ފެންވަރަށް 10 ކިއޮސްކް ތައްޔާރުކޮށްފައިވާ މާރުކޭޓކެވެ. މި ކިއޮސްކްތަށް ދަނޑުވެރިންނަށް ދޫކޮށްފައިވާއިރު، އަހަރެއް ވަންދެން އިންކިއުބޭޝަން ޚިދުމަތް ދޭނެ ކަމަށް ބީސީސީން ވިދާޅުވެއެވެ.