ޚަބަރު

ހިރިމަރަދޫން މީހުން ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން އެދިއްޖެ


  • ހިރިމަރަދޫގެ ނެރު ތިލަވުމުން ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހޭ

  • ހިރިމަރަދޫ މީހުން ބަދަލުކުރަން ސަރުކާރަށް ހުށަހެޅީ މިދިޔަ ސެޕްޓެންބަރު މަހު

  • އެރަށުގެ ރައްޔިތުން އެދެނީ ކ. ތުލުސްދުއަށް ބަދަލުވުމަށް

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން ކ.ތުލުސްދޫއަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ.

މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ހިރިމަރަދޫގެ ނެރު ތިލަވުމުގެ ސަބަބުން އެ ރަށާއި ރަށަށް ދަތުރުކުރާ މީހުންނަށް ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހިފައިވާކަން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ފާހަގަކުރައްވާފައިވާކަމަށެވެ.

އެހެންކަމުން ހިރިމަރަދޫގެ ނެރުގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ހިރިމަރަދޫ މީހުން ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް ކައުންސިލުން އެދިފައިވާކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ބޭނުންވާކަން ސަރުކާރަށް ހުށަހަޅުއްވާފައިވަނީ ވަޒީރު އާދަމް ޝަރީފާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި މިއަހަރުގެ ސެޕްޓެންބަރ މަހުއެވެ. އެރަށުގެ ރައްޔިތުން އެދިފައިވަނީ ކ. ތުލުސްދުއަށް ބަދަލުވުމަށެވެ.

ހިރިމަރަދޫ އަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެގޮތުން އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި އެރަށުގެ އާބާދީއަކީ، 293 އެވެ. ހިރިމަރަދޫގެ އިތުރުން، އާބާދީ ބަދަލުކުރުމަށް ވ. ރަކީދޫންވެސްވަނީ އެދިފައެވެ.

ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ ޕްލޭނެއް ތައްޔާރުކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި ވަޒީރު އާދަމް ޝަރީފް އުމަރު މީގެކުރިން ވިދާޅުވެފައިވަނީ ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެވޭނީ ކުދި އާބާދީތައް އެހެން ރަށްރަށަށް ބަދަލުކޮށްގެންކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ސަރުކާރުގެވެސް ޢަމާޒަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރު ތަރައްޤީކުރުމެވެ. މިއާއެކު ކުދި ރަށްރަށުގެ ރައްޔިތުންވެސް މިފަދަ ފުރުޞަތުތައް އޮތް ރަށްރަށަށް ޝަޢުގުވެރިކަން އިތުރުވެ، އެ ރަށްރަށަށް އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިމަސައްކަތްތައް ކުރިއަށްދާއިރުވެސް ކުދި އާބާދީ އޮތް ރަށްރަށަށް ބޭނުންވާ ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.