ޚަބަރު

އިމިގްރޭޝަން ވޮޗަށް މިހާތަނަށް 840 ކޭސް، ގިނައީ ޤަވާއިދާ ޚިލާފަށްކުރާ ވިޔަފާރީގެ މައްސަލަ


  • 596 ހުށަހެޅުމަކަށް އިމިގްރޭޝަނުން ހަރަކާތްތެރިވެފައިވޭ

  • ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 70 އަށް އަރާ

  • ޤވާއިދާ ޚިލާފަށް އުޅުނު 4000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައި

ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް ހުޅުވާލި އިމިގްރޭޝަން ވޮޗަށް މިހާތަނަށް 840 މައްސަލަ ހުށައަޅާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އިމިގްރޭޝަނުން ވިދާޅުވީ އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަތައްކަމަށެވެ.

"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިއަހަރުގެ ޖުލައިމަހުގެ 17ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ޤާއިމުކުރި އެންމެ ހަރުދަނާ އެއްނިޒާމުގެ ގޮތުގައި ސަރުކާރުން ފާހަގަކުރައެވެ.

"އިމިގްރޭޝަން ވޮޗް" ޤާއިމުކޮށް ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ބިދޭސީންނާ ގުޅޭ 840 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. އޭގެތެރެއިން 596 ހުށަހެޅުމަކަށް އެޓެންޑްވެފައިވާކަމަށާއި، 70 މައްސަލަ ވެރިފައި ކޮށްފައިވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން އެ އިދާރާއާ ނުގުޅޭ 174 ރިޕޯޓެއް ހުށަހަޅާފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

"އިމިގްރޭޝަން ވޮޗް"އަށް ހުށަހެޅި މައްސަލަތައް

• ވޯކް ވިސާއާ ހިލާފުވުން: 206

• ހަށިވިއްކުން: 50

• ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ: 7

• ޓުރިސްޓް ވިސާއާ ހިލާފުވުން: 10

• ފްރޯޑް ޑޮކިއުމެންޓް މައްސަލަ: 2

• މަސްތުވާ ތަކެތީގެ މައްސަލަ: 9

• ގާނޫނާ ޚިލާފަށް ކުރަމުންދާ ވިޔަފާރި: 221

• ގެއްލިގެން ކުރި ރިޕޯޓް: 32

• ބޯޑަރ އިންޓެލިޖެންސް: 3

• އެހެނިހެން: 30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ 11 މަސް ދުވަސްވެފައިވާއިރު، މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު 4000 ހަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.