މޫނު ބުރުގާ އަޅައިގެން އުނގެނުމާއި ވަޒީފާ އަދާކުރުމުގެ ޙައްޤު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދެއްވި ޔަޤީންކަމަށް ސިވިލް ކޯޓުގެ ޙުކުމެއްގައި ރިޢާޔަތްކޮށްފިއެވެ.
ޢަރަބިއްޔާގައި ތަޢުލީމު ޙާޞިލްކުރަމުންދިޔަ ދަރިވަރުންތަކެއް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކޮށް، ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު އެ ދަރިވަރުންނަށް ގެއްލުވާލުމާއި ގުޅިގެން، މިދިޔަ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީއާއި ދިވެހި ދައުލަތާ ދެކޮޅަށް އެ ދަރިވަރުންގެ ބެލެނިވެރީން ދަޢުވާކުރި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އެބެލެނިވެރިންވަނީ މިމައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެ އިތުރު ސަބަބެއް ނެތްކަމުގައި ބުނެފައެވެ.
ބެލެނިވެރިން މިގޮތަށް ކޯޓުގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މޫނު ބުރުގާ އަޅައިގެންވެސް ވަޒީފާ އަދާކުރުމާއި އުނގެނުމުގެ ހަމަހަމަ އިންސާފުވެރި ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ދެއްވުންކަމަށް އެމަނިކުފާނު ވިދާޅުވެ، ޢަމަލީގޮތުން އެކަން ސާބިތުކޮށްދެއްވަމުން ގެންދަވާތީކަމަށް އެ ބެލެނިވެރިން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ ސަރުކާރުގައި އުނގެނުމުގެ ޙައްޤުން މަޙުރޫމުކުރި ދަރިވަރުންނަށް، މި ސަރުކާރުގައި އެ ޙައްޤު ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ކޯޓުގައި ބެލެނިވެރިން ބުނުމާއި ގުޅިގެން، ކޯޓުން މިހާރުވަނީ އެ މައްސަލަ އިތުރަށް ބެލުމުގެ ބޭނުމެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ފައިލްކޮށްފައެވެ.
މިމައްސަލަ ބެއްލެވީ ސިވިލް ކޯޓުގެ އިސް ޤާޟީ މަރިޔަމް ވަޙީދުއެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭނެ ޙައްޤު ޙިމާޔަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކްސްގައި ޕޯސްޓްކުރެއްވީ 22 އޮގަސްޓް 2024 ގައެއެވެ. ރައީސްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައްޔާއި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށެވެ.
އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަލުކުރަމުންދާ ހުރިހާ ޤަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާ އެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްރިޔާ ވިދާޅުވެފައިވެއެވެ. އެމަނިކުފާނުވަނީ މި މުޖުތަމަޢަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވެފައެވެ.
މޫނުބުރުގާގެ މައްސަލައަކީ މީގެ ކުރީގައިވެސް އާއްމުންގެ ކަންބޮޑުވުމާއި ވަރަށް ބޮޑަށް ގުޅިފައި އޮތް މައްސަލައެކެވެ. އަދި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގައިވެސް އެކި ކަހަލަ ކޮންޖެހުންތަކާ ކުރިމަތިވަމުންއައިސްފައިވެއެވެ.