އަމާޒަކީ ނ. ވެލިދޫ އަދި ހއ. ދިއްދޫގައި ޤާއިމްކުރާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމި އަންނަ އަހަރު ކިޔަވައި ދޭން ފެށުންކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ދެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ވެލިދޫ އަދި ދިއްދޫގެ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތުގެ %30 މަސައްކަތް މިހާރު ވަނީ ނިމިފައިވާކަމަށެވެ. އަދި ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތުގެ %90 މަސައްކަތް ނިމިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ވެލިދޫ ޖޫނިއަރ ކޮލެޖް ނިމޭއިރު ކިޔަވައިދިނުމަށް ބޭނުންކުރާ ސްމާޓް ކްލާސްރޫމްގެ އިތުރުން އައި.ސީ.ޓީ ލެބޯޓަރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ލައިބްރަރީ ވެސް ހުންނާނެކަމަށެވެ. އަދި މިއިންސްޓިޓިއުޓުގައި ތަފާތު އެކި ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ވޯކްޝޮޕްތައްވެސް ތަރައްޤީ ކުރާނެކަމަށެވެ.
ދިއްދޫ ޖޫނިއަރ ކޮލެޖް ނިމޭއިރު ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީވެސް މިތަނުގައި ހުންނާނެއެވެ.
ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައްވެސް މިއިންސްޓިޓިއުޓުތަކުގައި ހިންގާނެކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އަމާޒަކީ ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް 2025އަށް ނިންމާ ކިޔަވައިދޭން ފެށުންކަމަށެވެ.
ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮއްދިނުމާއި އެކި ރަށްރަށަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމެކެވެ. އެގޮތުން، މިޖޫނިއަރ ކޮލެޖުތަކަކީ ދިވެހި ދަޢުލަތުން މަތީ ތަޢުލީމު ކުރިއެރުވުމަށް އަމާޒުކޮށް ކުރިއަށް ގެންދާ ވަރަށް މުޙިއްމު ޕްރޮޖެކްޓެކެވެ.