އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުވާލި ދަސްވާރު ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމުގެ އިންޓަރނުންގެ ގޮތުގައި އައްޔަނު ކުރެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ 5 ފަރާތަކަށް އޮފަރ ލެޓަރ ވަނީ ހަވާލުކޮށްފައެވެ. މި އިންޓަރންޝިޕް ޕްރޮގްރާމަކީ މިއަހަރުގެ ޖޫން 30 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ހިމެނޭ 5 ބައިވެރިންނަށް އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، އާރް.ޑީ.ސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، އަދި ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެވޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިއްބައިދިނުމާއެކު، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުންކަމަށެވެ.
މިފަދަ އިންޓާންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމުގެ އިތުރުން، ވަޒީފާ ދޭ ފަރާތްތައްވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދާއިމީ ވަޒީފާތަކުގެ ފުރުޞަތުތައް ފަހިވެ، މަސައްކަތުގެ މާޙައުލަށް މުޅިން ތަފާތު ހުނަރުތަކެއް ހުރި ފަރާތްތަކެއް އިތުރުވާނެކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެ ވުޒާރާއިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދެމުންދާނެކަމަށެވެ.