ސުޕްރީމް ކޯޓަށް ހުށައެޅިފައިހުރި މަރުގެ މައްސަލަތައް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަވާދެއްވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައިޖީއެމްއެޗްގެ ފަންސަވީސް ބުރީގެ އައު ޢިމާރާތުގެ ބިންގާ އެޅުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީތަކެއްގައި ދެ ކުއްޖައްކު މަރާލާފައިވާ މައްސަލައަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިފަދަ ކަންކަމުން މުޅި ޤައުމަށާއި ދިވެހި އުއްމަތަށް ހިތްދަތިކަން ގެނެސްދޭކަމެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީހެއްގެ ޖިސްމަށް ނުވަތަ ނަފްސަށް އަނިޔާދީ ގެއްލުން ދިނުމަކީ ސަރުކާރަށް ހަޖަމުކުރެވޭނެ ކަންކަން ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެފަދަ ކަންކަމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު މިސަރުކާރުން އަޅާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެއްވިއެވެ. ރައީސް ވިދާޅުވީ، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ މަރުހަލާގެ ތެރޭގައި މަސައްކަތްތަކެއް ކުރެވޭކަމަށާއި، ނަމަވެސް މިހުރިހާ ކަމެއް އަވަސްވެގެން ތަންފީޒީ ހިސާބަކަށް ގެނެވިގެން ނޫނީ މިހިނގާ ޖިނާޢީ ކަންކަން ނުހުއްޓުވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކޯޓް މަރުހަލާގައި ހުރި މަރުގެ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ދޭނެކަމުގެ ކަށަވަރުކަން ލިބިފައިވާކަމުގައެވެ. އަދި އެފަދަ މައްސަލަތައް ނިންމާ އިންސާފު ލިބިދިނުމަކީ ރައީސް ވިދާޅުވެގެން ކުރަންޖެހޭ ކަންކަން ނޫންކަމަށާއި، ނަމަވެސް މުޅި ރައްޔިތުންގެ ހައްގުގައި އެކަން ބެލުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވިއެވެ.
މީހެއްގެ ފުރާނަ ދިއުމަކީ ވިސްނާލަން ޖެހޭކަމެއް ކަމަށާއި، މީހުން މެރުމަކީ ރާއްޖޭގައި އެއްގޮތަކަށްވެސް ޢާންމުވެގެން ދިއުމަށް އެދޭ ކަމެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ތަކުރާރުކުރައްވާފައެވެ.