ޚަބަރު

ދޮށީ އުމުރުގެ މީހުންނަށް ބޭނުންވަނީ ޝާމިލު މުޖުތަމަޢެއް


  • އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1991ގައި

  • ރާއްޖޭގެ އާބާދީގެ %5އަކީ ދޮށީ އުމުރުގެ މީހުން

  • 2050ގެ އަންދާޒާ:ކޮންމެ 8މީހަކުން އެކަކަކީ ދޮށީ އުމުރުގެ މީހެއް

އެކުވެރި ދަޢުލަތްތައް ނުވަތަ އދއިން ފާސްކުރި ޤަރާރަކުން، ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1991ވަނަ އަހަރުއެވެ.

މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އެމީހުންނަށް ބޭނުންވާ އަޅާލުމާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަޑުއުފުލާ އެކަމަށް މަސައްކަތްކުރުމެވެ. އަދި އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ، މުހިންމު ބައެއްކަން ކަށަވަރުކުރުމެވެ.

ބައިނަލްއަޤްވާމީ މިންގަނޑުން ބަލާއިރު ދޮށީ އުމުރުގެ މީހުންގެ ގޮތުގައި ބަލަމީ އުމުރުން 65 އަހަރުން މަތީ މީހުންނެވެ. ރާއްޖޭގައިވެސް ބަލަނީ މި މިންގަނޑުންނެވެ. ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދިއަކާ ދިމާލަށްދާކަން އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަރު ޙަސަން ވިދާޅުވީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ މިހާރު 20000އިން މައްޗަށް އަރާކަމަށެވެ. އެއީ ކޮންމެ 20 މީހަކުން އެކަކެވެ. ރާއްޖޭގެ މުޅި އާބާދީގެ %5އެވެ.

"2050 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ އާބާދީގެ އަންދާޒާއަކީ ކޮންމެ 8 މީހަކުން އެކަކަކީ ދޮށީ އުމުރުގެ މީހަކަށް ވާނެކަން. މިއާއި ގުޅިގެން ދިމާވާނެ ކަންކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އިސްކަމެއްދީ ރިއާޔަތްކުރަންޖެހޭ." މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަރު ޙަސަން ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މި ދުވަހުގެ އެންމެ ބޮޑު ބޭނުމަކީ އެމީހުނަށް ދޭންވާ ރައްކާތެރިކަމަށް މުޖުތަމަޢު ހޭލުންތެރިވުންނެވެ. މި ދާއިރާއާއި ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގައި، ދޮށީ އުމުރުގެ މީހުންގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ ޑިޕަރޓްމަންޓެއް ޤާއިމުކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ވުޒާރާގެ ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު މިޒްފާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާ ގުޅޭގޮތުން އެންމެ ގިނައިން ހުށައަޅަނީ އެމީހުންނަށް އިޙުމާލުވުމުގެ މައްސަލަތައްކަމަށެވެ.

"އެންމެ ގިނައީ އިޙުމާލުގެ މައްސަލަ. އޭގެ އިތުރުންވެސް ނަފްސާނީ އަނިޔާ، ޖިސްމާނީ އަނިޔާ އަދި މިހާރު ވަރަށް ގިނައިން އެމީހުންގެ މާލީ ކަންކަމަށް ދަތިކުރުމުގެ މައްސަލަތައް އެބަ އާދޭ." އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު މިޒްފާ ވިދާޅުވިއެވެ.

މިގޮތަށް ހުށައަޅާ ކޮންމެ މައްސަލައެއް ވަކިވަކިން އެ ވުޒާރާއިން އަންނަނީ ބަލަމުންނެވެ. މީގެއިތުރުން ކ،ކުރައިދޫގައި ހުންނަ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދަންޖެހޭ މީހުން އެތަނުގައި ބަލަހައްޓާ އަދި ފަރުވާއަށްފަހު އާއިލާއާއި ގުޅުވައިދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން ދަނީ ކުރަމުންނެވެ.

އަމިއްލަ ރަށާއި އާއިލާ އަދި ރައްޓެހިންނާއެކު އަބުތުވެރި ދިރިއުޅުމެއް އުޅުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެވެ. އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާ އޯގާތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ އެފަދަ މީހުންގެ ޙާލު ޤަވައިދުން ބަލާ، އެމީހުންނަށް ބޭނުންވާ އެހީތެރިކަ ދިނުމެވެ. އަދި އާއިލީ ލޯތްބާއި މުޖުތަމަޢުގެ ލޯތްބަކީ ދޮށީ އުމުރުގެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ.

މީގެއިތުރުން އެފަދަ މީހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި 65އަހަރުން މަތީ އުމުރަށް ދިޔަނަމަވެސް އެމީހުންގެ އެހީތެރިކަން ހޯދެން ހުރި ދާއިރާތަކުން ދޮށީ އުމުރުގެ މީހުންގެ ލަފަޔާ އެހީ ހޯދުމަކީވެސް އެމީހުންގެ ޝާމިލުވުން މުޖުތަމަޢުގައި އިތުރުކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންގެ ހަރަކާތްތެރިވުމާއި ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށް މާލޭގައި ވަނީ ޚާއްސަ ނާދީއެއް ގާއިމްކޮށްފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ތަފާތު ހަރަކާތްތައް ހިންގޭގޮތަށް އަތޮޅުތަކުގައިވެސް ދަނީ މަރުކަޒުތައް ގާއިމްކުރަމުންނެވެ.