ޚަބަރު

އާސަހަރާގެ މަސައްކަތް އެެއްކޮށް ނިންމައި އަންނަ ހުކުރު ދުވަހު ހުޅުވަނީ


  • އާސަހަރާގެ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައި

  • އާސަހަރާ މިސްކިތް ތަރައްޤީކުރަނީ 2 ފަންގިފިލާއަށް

  • އާސަހަރާ އެއްކޮށް ނިމޭއިރު ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުކުރެވޭނެ

އާސަހަރާގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހުކުރުގައި ހުޅުވޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އާސަހަރާއަކީ މާލޭގައި މަރުވާ މީހުން ވަޅުލަން މާލޭގެ ހަތަރު އަވަށުގައި ބޭނުން ކުރި ޤަބުރުސްތާނުތައް ފުރި އެތަން ބޭނުން ނުކުރެވޭ ޙާލަތައް ދިޔުމުން މާލޭގައި މަރުވާ މީހުން ވަޅުލުމަށްޓަކައި ގާއިމް ކުރި ތަނެކެވެ. އާސަހަރާ ތަރައްޤީކުރިއިރު ކަށުކަމާ ކެމީގެ އެންމެހާ ކަންކަން ކުރެވޭނެ އިންތިޒާމު ޤާއިމްކުރިއެވެ. އަދި އެ ތަނުގައި މަސްޖިދުލް ތަޢާވުންގެ ނަމުގައި މިސްކިތެއް ބިނާކުރިއެވެ.

އާސަހަރާ މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އާސަހަރާގެ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމަށެވެ. އަދި އަމާޒަކީ އަންނަ ހުކުރު ދުވަހު އެއްކޮށް ހުޅުވާލުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އާސަހަރާ އަލުން ހުޅުވުމަށްފަހު މާލޭގައި ނިޔާވާ މީހުން ވަޅުލުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދާނެ ކަމަށެވެ.

އާސަހަރާ މިސްކިތް މަރާމާތުކުރުމަށް، އެތަން ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މޭމަހުގައެވެ. އަދި އާސަހަރާ މިސްކިތަށް ގެންނަންޖެހޭ މަރާމާތުގެ މަސައްކަތްތައް ހަމަ އެ މަހު ފަށާފައިވެއެވެ. އާސަހަރާ މިސްކިތް ތަރައްޤީކުރަނީ 2 ފަންގިފިލާއަކަށެވެ. މީގެ ތެރެއިން ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމާ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، މި މަސައްކަތް ނިމޭއިރު މީހުން ހިނެވުމަށް 4 ތަނެއް ހުންނާނެ ކަމަށާއި ނަމާދުކުރާ ސަރަޙައްދާއި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދުވެސް އޭސީކޮށްފައި ހުންނާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ފާޚާނާއާއެކު ފަސޭހަކަމާއެކު ސަހަރާތެރޭގައި އުޅެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުން އާސަހަރާ އެއްކޮށް ނިމޭއިރު ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުކުރެވޭނެއެވެ.

މާލޭގެ އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢުއަށް 11.6 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ފިނިޝިން މަސައްކަތް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިޔަން ރުފިޔާއަށެވެ.