ޚަބަރު

ރާއްޖޭގެ %70 މީހުން ބޭނުންކުރަން ޖެހޭ މިންވަރަށްވުރެ އިތުރަށް ލޮނު ބޭނުންކުރޭ: އެޗްޕީއޭ


  • ލޮނު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެއް

  • ލޮނު ބޭނުންކުރާ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ކޮންޓްރޯލް ކުރުމަކީ މުހިއްމު ކަމެއް

ރާއްޖޭގެ %70 މީހުން ބޭނުން ކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ލޮނު ބޭނުންކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ގިނައިން ލޮނު ބޭނުން ކުރުމަކީ ސިއްޙީ ގޮތުން ނުރައްކާތެރި ކަމެކެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ކެއުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ވަރަށްވުރެ ގިނައިން ލޮނު ބޭނުން ކޮށްފިނަމަ ގިނަ އުނދަގޫ ތަކެއް ހަށިގަނޑަށް ކުރިމަތިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ދިވެހިންގެ ކެއުންބުއިމުގެ އާދައާގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ހަދާފައިވާ ސްޓެޕް ސަރވޭއިން ދިވެހިން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން މި ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 70.3 އިންސައްތަ މީހުންނަކީ ދުވާލެއްގެ މައްޗަށް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ލޮނު ބޭނުންކުރާ ފަރާތްތަކެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.


މާ ލޮނުގަދަކޮށް ކެއުމުން ލިބޭ ގެއްލުމަކީ ލޭގެ ޕްރެޝަރަށް އަސަރު ކުރުން އެކަންޏެއް ނޫނެވެ. އެއީ ދިފާއީ ނިޒާމަށްވެސް އޭގެ އަސަރު ކުރުވާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. އެގޮތުން ތަފާތު އެކި ބެކްޓީރިއާގެ ޒަރިއްޔާއިން ސިއްޙަތަށް އަސަރު ކުރުވާ މިންވަރު އެކަމުގެ ސަބަބުން އިތުރުވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.

ލޮނު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ލޮނަކީ ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ވެސް ފަރުވާތެރިވާން ޖެހޭ އެއްޗެކެވެ.

ޑަބްލިއުއެޗްއޯއިން އިރުޝާދު ދޭ ގޮތުގައި ދުވާލަކަށް 5 ގްރާމަށްވުރެ ގިނައިން ލޮނުގެ ބާވަތްތައް ބޭނުން ކުރުމަކީ ސިއްޙަތަށް ގެއްލުންވެދާނެ ކަމެކެވެ. އެއީ ގާތްގަނޑަކަށް 1 މޭޒުމަތީ ސަމުސާ ފުރެންދެން ލޮނު އެޅުމުން ކިރާލެވޭ މިންވަރެވެ. އެހެންނަމަވެސް، އާންމު ދިރިއުޅުމުގައި ގިނަ މީހުން ލޮނު ބޭނުން ކުރާ މިންވަރު ގިނަ ފަހަރު އޮންނަނީ ޑަބްލިއުއެޗްއޯގެ މި މިންގަނޑަށްވުރެ އެތައް ގުނައެއް އިތުރުވެފައެވެ.

ލޮނު ކެއުން މަދުކުރުމަކީ ހިތުގެ ސިއްޙަތަށް ބޮޑެތި ފައިދާތަކެއް ކޮށްދޭނެ ކަމެކެވެ. ލޮނުގެ ބަދަލުގައި ހާބްސް އަދި ހަވާދުގެ ބާވަތްތައް ބޭނުންކުރުމުން ސިއްޙަތަށް ފައިދާ ކުރާނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކަންމިހެން ހުރުމާއެކު، ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ކޮންޓްރޯލް ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތައްޔާރީ ކާނާ ގަންނައިރުވެސް، އޭގައި ލޮނު ހިމެނިފައިވާ މިންވަރު ޗެކް ކުރުމަކީ ކުރެވިދާނެ ކަމެކެވެ.