ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުތެރޭގައި ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުންކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިހެން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިޤްރޭޝަންއިން ކުރިއަށްގެންދާ އިންސްޕެކްޝަން ހުޅުމާލޭގައި ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަމަށެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ %95 މީހުން އެ އޮފީހަށް ހާޒިރުވިކަން ޝައްމާން ފާހަގަކުރެއްވިއެވެ.
ޝައްމާން ވިދާޅުވީ އެ މީހުންގެ ތެރެއިން ލިޔެކިޔުންތައް ރަނގަޅުކުރުމާއި ވިސާ ރަނގަޅު ކުރުމަށް ބޭނުންވި މީހުންގެ ވިސާ ރަނގަޅުކޮށްދީފައިވާނެކަމަށެވެ. ޝައްމާން ވިދާޅުވީ މި ކުރެވޭ މަސައްކަތުން ބިދޭސީން ގެންގުޅޭ ފަރާތްްތަކާއި އަދި ބިދޭސީ މަސައްކަތްތެރިންވެސް ޤަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.
މާލޭ ސަރަހައްދުގައި ކުރިއަށް ގެންދެވޭ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތްކުރައްވާކަން ފާހަގަކުރައްވަމުން ޝަމްޢާން ވިދާޅުވީ އަތޮޅުތަކަށް މި މަސައްކަތް ފުޅާކުރުމުގެ ޕްލޭންތައް ރޭވެމުންދާކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުންކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުޅި ޓާގެޓަކީ މި 3 އަހަރު ތެރޭގައި ޤަވައިދާ ހިލާތަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮން ހައްލުކުރުން. މިހާރު ކުރެވެމުން ދަނީ އެ މަސައްކަތް. އޭގެ ތެރޭގައި ބައެއް މީހުންނަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ވަނީ ހުޅުވިފައި. އަދި ރިކޯޑްނެއް ފަރާއްތައް އަޅުގަނޑުމެންގެ ކުރަގި އޮޕްރޭޝަންގެ ތެރެއިން އެމީހުން ރަޖިސްޓަރ ވެވިގެން ދާނެ. އަދި އެންފޯސްކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަތް ދަނީ" ޝައްމާން ވިދާޅުވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެއްބާރުލުން ނުދިނުމަށާއި އެފަދަ ފަރާތްތައް ކުންފުނިތަކުގެ ބެލުމުގެ ދަށުގައި ނުގެންގުޅުމަށް އިލްތިމާސްކުރައްވާފައެވެ.
ހުޅުމާލޭގެ 2 ފިޔަވައްސައް އަމާޒުކޮށްގެން އިމިގްރޭޝަންއިން ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދާއި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާނާއި އަދި އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވިއެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ޙިދުމަތް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓްގެ އޮފިޝަލުންވެސް މި މަސައްކަތުގައި ބައިވެރިވިއެވެ. މި މަސައްކަތް ހުޅުމާލޭގައި ކުރިއަށްގެންދަނީ 27 ޒޯނަކަށް ބަހާލައިގެންނެއެވެ.
މި އިންސްޕެކްޝްންގައި ބިދޭސީން މަސައްކަތް ކުރާ ފިހާރަތަކާއި ސެލޫންތަކުގެ އިތުރުން ގަރާޖްތައް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މި މަސައްކަތުގެ ގާނޫނާއި ހިލާފަތް އުޅޭ ފަރާއްތަކަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ވަނީ ފުރުސަތު ދީފައެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ޤަވާއިދާއި ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުންކަމަށް އިމިޤްރޭޝަނުން ވިދާޅުވެއެވެ.
ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައި ވީނަމަވެސް މިކަމަށް އެދެވޭ ނަތީޖާއެއް ވަނީ ނުލިބިފައެވެ. އެހެންނަމަވެސް މި ސަރުކާރުން އަޅަން ފެށި ހަރުކަށި ފިޔަވަޅުތައް ފާހަގަކޮށް، އާއްމުންވެސް ދަނީ އިމިގްރޭޝަންގެ މަސައްކަތަށް ތައުރީފްކުރަމުންނެވެ.