ޚަބަރު

އެއްގަމު އުޅަނދުތަކުގެ އިންޝިއުރަންސްއިން ފުރިހަމަ ބަދަލު ލިބޭނެގޮތް ހަދަނީ


  • އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް ޚިދުމަތްދިނުން މެދުކަނޑާލާނެ

އެއްގަމު އުޅަނދުގެ ތާރޑް ޕާޓީ އިންޝިއުރަންސްއަކީ ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލުލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމަށް ގެނައި މުހިންމު ބަދަލުތަކާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ނަވާޒް ޝަރީފް ވިދާޅުވީ މާލެ ފަހި ޕްރޮގްރާމްގެ ދަށުން ދަތުރު ފަތުރުގެ ކުރުމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

އެގޭތެރޭގައި މާލެ ތެރެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ގެނައުމާއި، އުޅަނދު ފަހަރު އިންޝިއުރަންސް ކުރުމުގެ އުސޫލަށްވެސް ބަދަލުގެނަމުންދާކަމަށް ނަވާޒް ވިދާޅުވިއެވެ. އެގޮތުން ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމަށް ނިންމާފައިކަމަށް ނަވާޒު ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ މި ބަދަލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުމެވެ. އެގޮތުން މި އައު އޫސޫލުގެ ދަށުން އިންޝުއަރެންސް ކަވަރޭޖާއި ނުލައި އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެގޮތަށް ހެދުމަށް ނިންމާފައިވާކަމަށް ނަޒާވް ވިދާޅުވިއެވެ.

އަދި އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް އެ ވުޒާރާއިން ދެމުންދާ އެއްވެސް ޚިދުމަތެއް ނުދެވޭނެގޮތަށް ގަވާއިދުތައް ބަދަލުކުރުން ހިމެނޭކަމަށް ނަވާޒް ވިދާޅުވިއެވެ. މި ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެކަމަށް ނަވާޒް ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ތާރޑް ޕާޓީ އިންޝިއުރަންސާއި ގުޅިގެން ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ޤަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ އިތުރުން އެ ވުޒާރާގެ އެތެރޭގެ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ގެނައުމުގެ މަސައްކަތް ކުރުންކަމަށެވެ. އަދި ތާރޑް ޕާޓީ އިންޝިއުރަންސް ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް އެ ވުޒާރާގެ އަމާޒަކީ އޭގެއިން ލިބޭ މަންފާ ރައްޔިތުންނަށް ލިބިގެން ދިޔުންކަމަށް ނަވާޒް ވިދާޅުވިއެވެ.

"ތާރޑް ޕާޓީ އިންޝިއުރަންސް ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތުމަށް ނިމުމަކަށް ގެނެސް ވުޒާރާގެ އަމާޒަކީ އޭގެއިން ލިބޭ މަންފާ ރައްޔިތުންނަށް ލިބިގެން ދިޔުން. މީގެ އިތުރުން، މި ބަދަލުތަކުން އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެ" ނަވާޒް ވިދާޅުވިއެވެ.

ތާރޑް ޕާޓީ އިންޝިއުރަންސްއަކީ އެއް އުޅަނދަކުން އަނެއް އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ. އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދުގައި ވާގޮތުން ތާރޑް ޕާޓީ އިންޝިއުރަންސްގެ ހިދުމަތް ލިބިގަންނަންވާނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އިންށުއަރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަ އޮތް، އިންށުއަރެންސް ކުންފުންޏަކުންނެވެ.

އެ ގަވައިދުގައި ވާގޮތުން ތާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އެއްގަމު އުޅަނދަކުން ދިމާވާ އެކްސިޑެންޓަކުން ލިބޭ ޖިސްމާނީ ގެއްލުމަށް ބަދަލުދިނުމުގެގޮތުން 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމަޔަށް ބަދަލުދޭންޖޭހެނެއެވެ. ތާރޑް ޕާޓީ އިންށުއަރެންސް ކޮށްފައިވާ އެއްގަމު އުޅަނދަކުން ދިމާވާ އެކްސިޑެންޓަކުން، އެހެން މީހެއްގެ އުޅަނދަކަށް ނުވަތަ މުދަލަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިއްޖެނަމަ، މަދަނީ ގެއްލުމަށް ބަދަލުދިނުމުގެ ގޮތުން 40،000 (ސާޅީސް ހާސް) ރުފިޔާއާ ހަމަޔަށް ބަދަލުދޭން ޖޭހެނެކަމަށް ޤަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ތާރޑް ޕާޓީ އިންޝިއުރަންސް ކޮށްފައިވާ އުޅަނދަކުން ދިމާވާ އެކްސިޑެންޓުގެ ސަބަބުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދޭންޖެހޭނީ، އެ އުޅަނދެއް އިންޝިއުރަންސް ކޮށްފައިވާ އިންޝިއުރަންސް ކުންފުންޏަކުންނެވެ.