ކުދި ޖަޒީރާ ޤައުމުތަކަށް ކާމިޔާބު މާލީ އެހީތެރިކަމުގެ ލަނޑުދަނޑިއެއް ހާސިލުކުރުން މުހިންމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ނިއުޔޯކްގައި ބޭއްވި އދ. ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ކުދި ޖަޒީރާ ޤައުމުތަކުގެ އެލަޔަންސްގެ ލީޑަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހިރާއްޖެއިން ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި، ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްފައިވާ އެންޓިގުއާ އެންޑް ބާބުޑާ އެޖެންޑާ ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ދެމިހުރިކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި ވަޒިރު ވަނީ ކުރިއަށް އޮތް ސީއޯޕީ 29 ގައި ކުދި ޖަޒީރާ ޤައުމުތަކަށް ކާމިޔާބު މާލީ އެހީތެރިކަމުގެ ލަނޑުދަނޑިއެއް ހާސިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެޑްވާންސްޑް ބޭސްލައިން އެންޑް އެލައިންމަންޓް ސިސްޓަމް ތަންފީޒުކުރުމަށް ރާއްޖެއިން ދެމިހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، މި ކަންކަމަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.
މި ބައްދަލުވުމުގައި، ކުރިއަށް އޮތް ސީއޯޕީ29 ބާކޫގައި ބޭއްވުމާ ދިމާކޮށް، ކުދި ޖަޒީރާ ޤައުމުތައް އެއް އަމާޒަކަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. ޚާއްޞަކޮށް، އައު ޖަމާޢީ މިންގަނޑުތަކެއް ކަނޑައެޅުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމާއި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދިމާވާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް ބާރުއަޅާ މުހިންމު ފޯރަމެކެވެ. ދިވެހިރާއްޖެއިން މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ، ޤައުމުގެ އަޑު އުފުލުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްގެންދިޔަ ސޮލްވް އެމްއައިޓީ ޗެލެންޖް ފައިނަލްސްގައިވެސް ވަޒީރު ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޓެކްނޮލޮޖީއާއި އީޖާދުތަކާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ. އަދި މި ދާއިރާއިން ބަދަލު ގެނެވިދާނެ ހައްލުތަކަށް ރާއްޖެއިން އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.