ޚަބަރު

މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަން މަޝްވަރާކޮށްފި


  • މި މަޝްވަރާތައް ބާއްވާފައިވަނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއިއެކު

  • ދަނޑުބިންތައް ދިރާސާކޮށް ފުޅާކުރުމަށް މަޝްވަރާކުރި

ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިފްކޯ އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ މިފްކޯގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި މިފްކޯއިން ވަނީ އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާ ކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައެވެ. އަދި މިފްކޯގެ ސައިޓް ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާއިމެދުވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މިފްކޯއިން ބުނީ ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާއިމެދު މަޝްވަރާ ކުރެވުނުކަމަށެވެ. ހާއްސަގޮތެއްގައި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފައިކަމަށް މިފްކޯއިން ވިދާޅުވިއެވެ.

އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި، ގަސްހަގާއި ގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާ، ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ވިދާޅުވީ، އެ ކުންފުނީގެ ސައިޓްތަކުގައި ކުރާ ދަނޑުވެރިކަމުން އެކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކެއުމަށް ކުރަންޖެހޭ ޚަރަދުގެ ބައެއް ސަލާމަތް ކުރެވޭކަމަށެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެންވެސް އެކުންފުނީގެ ޚަރަދުތައް މެނޭޖުކުރާކަމަށެވެ. މިފްކޯގައި ގާތްގަނޑަކަށް 2000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.