ސިއްހަތު

މީދޫ ސިއްޙީ މަރުކަޒު އެއްވަނަ ދަރަޖައިގެ ސިއްޙީމަރުކަޒަކަށް


ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ސިއްޙީ މަރުކަޒު އެއްވަނަ ދަރަޖައިގެ ސިއްޙީމަރުކަޒަކަށް ބަދަލުކުރައްވާ 24 ގަޑިއިރު ޚިދުމަތް ދެއްވަން ފަށްޓަވައިފިއެވެ.

ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ނިލަންދެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެވަނީ މީދޫ އަދި މާއެނބޫދޫއަށް ޒިޔާރާތްކުރައްވާފައެވެ. މީދޫއަށް މިނިސްޓަރ ވަޑައިގެން މީދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މަރުކަޒުގެ ޙާލަތު ބައްލަވާލެއްވިއެވެ. އަދި މަރުކަޒަށް ދިމާވެފައިވާ މައްސަލަތަކާއި ހުރި ދަތިތަކާ ބެހޭގޮތުން މިނިސްޓަރވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މީދޫ ސިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތް ދެއްވާ މަރުކަޒަކަށް ބަދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީދޫ ސިއްޙީ މަރުކަޒު ފުރަތަމަ ދަރަޖައިގެ ސިއްޙީ ޚިދުމަތްދެއްވާ މަރުކަޒަކަށް ބަދަލުވެގެން ދިޔުމަކީ މި ސަރުކަރުން ސިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން އިތުރުވެގެންދިޔަ ބޮޅެއްކަމަށެވެ.

މިނިސްޓަރ ވަނީ މީދޫއަށް ކުރެއްވި ދަތުރުފުޅުގައި މީދޫ ކައުންސިލާއިވެސް ބައްދަލުކުރައްވާފައެވެ. އަދި މީދޫގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތާއި ބެހޭގޮތުންވެސް މިނިސްޓަރ މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މާއެނބޫދޫ އަށް ވަޑައިގެން މިނިސްޓަރވަނީ މާއެނބޫދޫ ސިއްޙީ މަރުކަރުގެ ޙާލަތުބައްލަވާލައްވާފައެވެ. އަދި މަރުކަޒަށް ބޭނުންވާ ކަންތައްތަކާއި ހުރި ދަތިތަކާ ބެހޭގޮތުން މަރުކަޒުގެ ސްޓާފުންނާއި ރަށުކައުންސިލާއިވެސް ބައްދަލުކުރައްވާފައިވެއެވެ.