ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް އޮފްޝޯކޮށް ފެށީ، އެއީ ވިޔަފާރި ފައިދާ އެންމެ ބޮޑުވާނެ ގޮތްކަމަށްވާތީކަމަށް ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވަަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ޚިދުމަތް ދޭ ގޮތަށެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބިމެއް ހިއްކައިގެން އެފަދަ ޚިދުމަތެއް ދެވޭނީ އެ މަސައްކަތަށް އެކަށީގެންވާ ޑިމާންޑެއް އުފެއްދިގެން ކަމަށެވެ. އެގޮތުން، ރާއްޖެއަށް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އޮފް ޝޯކޮށް ޚިދުމަތް ފަށައި ޚިދުމަތް އިޝްތިހާރުކޮށް ޓްރެފިކް ހޯދުން ކަމަށާއި މީގެ ސަބަބުން ވިޔަފާރިއަށް ފަރިތަވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާާއްޖެ އޮތް ސަރަހައްދަކީ މުހިންމު ސަރަހަދެއް ކަމަށާއި މި ސަރަހައްދުން ދުވާލަކު 300އެއްހާ ބޯޓު ހުރަސްކުރާއިރު އޭގެ ކުޑަ އިންސައްތައެއް ރާއްޖެއަށް ލިބިގެންދިއުމަކީވެސް ކުރިއެރުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިޝަން ކޮންމެ ހިސާބަކަށް ދިޔަޔަސް، ކޮންމެ އަތޮޅެއްގައި މިކަހަލަ ކަމެއް ކުރިކަމުގައިވިޔަސް އެ މާކެޓް އިންޓްރޮޑިއުސްކޮށްގެން ނޫންގޮތަކަށް މިކަން ކުރެވޭކަށް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ޓްރެފިކްގެ އެސްޓީއޯއިން ޓާގެޓް ކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިތާގައި އޮންޕޯޓް ޚިދުމަތް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ." އިގްތިސާދީ ތަރައްގީއާބެހޭ ވަަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ޚިދުމަތެއް ފެށިގެން ދިއުމުން ބަންކަރިންގެ ޚިދުމަތުގައި އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ވިޓޯލް ކުންފުނިންވެސް ރާއްޖެއަށް އިތުބާރުކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިތުރު އިންވެސްޓްމަންޓުތައް ޤާއިމްކުރާނެކަމުގެ އިތުބާރުވެސް އެ ކުންފުނިން ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ މިފަދަ ޚިދުމަތްތައް ކުރީ ސަރުކާރުތަކަށް ނުފެށުނީ އެ ފަރާތްތަކުގެ ހިތްވަރު ނެތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެވޭނެ ދާއިރާތައް ކުރިއެރުވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.