ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ދިވެހި ސަރުކާރާއި ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ސަޢޫދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަޢޫދީ ޢަރަބިއްޔާ އިން ހަދިޔާކުރި ކަދުރާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މާލީ ވަޒީރު، ޢަބްދުﷲ ޖިހާދެވެ. އަދި ސަޢޫދީ ސަރުކާރުން ކަދުރު ޙަވާލު ކުރެއްވީ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މާލެއާއި އަތޮޅު ތެރޭގައި ކަދުރު ބެހުމުގެ އިންތިޒާމް އެ ވުޒާރާއިން ހަމަޖައްސަވާނޭކަމަށެވެ. އަދި މިގޮތައް ހިލޭ ބަހާ ކަދުރު، ބައެއް ޙާލަތްތަކުގައި ނޭދެވޭ ގޮތްގޮތައް ބޭނުން ކުރަމުންދާކަން ފާހަގަކުރައްވާ، ވަޒީރު ވަނީ މި އެހީގެ ބޭނުން އެއްވެސް ނުރަނގަޅު ގޮތެއްގައި ނުހިފުމަށް ގޮވާލައްވާފައެވެ.
މިނިސްޓަރ ޖިހާދު ވަނީ، ސަޢޫދީ ސަރުކާރުގެ މި އެހީއިން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދު އޮތް ހަރުދަނާ ގުޅުން ކަން ބަޔާންކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާއިން ބަރަކާތްތެރި ރަމްޟާންމަހާއި ދިމާކޮށް، ކޮންމެ އަހަރަކުވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރެއެވެ.