ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ. އެންޑީއޭއިން މިހެން ވިދާޅުވެފައިވަނީ އެ އެޖެންސީން އާންމުކުރި ހަ މަހުގެ މަސައްކަތު ތަފްސީލުގައިއެވެ.
އެންޑީއޭއިން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމާއި ގުޅިގެން އެކަމަށް 3 ސަރަހައްދެއް ކަނޑައަޅައި މިފަރުވާ ދޭ މަރުކަޒު ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.
މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
އެން.ޑީ.އޭއިން އާންމުކުރި ހަ މަހުގެ މަސައްކަތު ތަފްސީލުގައި ވާގޮތުން އަމިއްލަ ގޮތުން ރާއްޖެއިން ބޭރުގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީ އާއެކު އެމްއޯޔޫގައި ސޮއިކުރެވި އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.
އެންޑީއޭއިން ވިދާޅުވީ އެއެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
އަދި ގއ.ދާންދޫ ޞިއްޙީ މަރުކަޒާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން އެރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވާކަމަށާއި ފުވައްމުލައް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ޚިދުމަތް މިއަހަރުގެ މާރޗު ފަށާފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ވިދާޅުވެއެވެ.
އެންޑީއޭއިން ވިދާޅުވީ ރިހެބިލިޓޭޝަން ފަރުވާ މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންއަންނަކަމަށެވެ. މި މަސައްކަތްތަކުގެ ސަބަބުން ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ވަށާޖެހޭ ހައްލެއް ލިބިގެން ދާނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.