ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ނިންމައި ކުންފުނީގެ ޤާނޫނަށް ހުށައެޅި އިޞްލާހު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ ދައުރުން ބޭއްވި ތިންވަނަ ޚާއްސަ ޖަލްސާގައި 85 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާާރުގެ ފަރާތުން މަޖިލީހަށް މި އިސްލާހު ހުށެހެޅުއްވީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި އިސްލާހު ހުށަހެޅުއްވީ ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކަށް ބަދަލު ގެނައުމަށްކަމަށް ބިލު ހުށަހަޅުއްވަމުން މެންބަރު އިސްމާޢީލް ނިޒާރު ވަނީ ވިދާޅުވެފައެވެ.
ކުންފުނީގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާޙުގައި ވަނީ ހުށަހަޅާފައެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމަށް ދައުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައެވެ. އަދި ޖަލްސާ ބޭއްވުމަށް 3 މަސް ދުވަހުގެ މުހުލަތެއް ދޭން ޖެހެއެވެ.
މީގެ އިތުރުން ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް 7 ދުވަސް ކުރިން ނޯޓިސް ފޮނުވުމަށްވެސް އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ. މިހާރު އޮންނަ ގޮތުން މި ނޯޓިސް ދިނުމަށް ދޭން ޖެހެނީ 14 ދުވަހުގެ މުހުލަތެކެވެ.
ކުންފުނީގެ ޤާނޫނަށް ހުށަހެޅި އިސްލާޙުގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ އެޢަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީސް އެންގުމުން 10 ދުވަހުގެ ތެރޭގައި އެ ޢަދަދަށް ބޯޑަށް މެންބަރުން އައްޔަން ކުރަން ޖެހޭ ގޮތަށް އިޞްލާޙުގައި ބަޔާންކުރެއެވެ.
މިހާރު އޮންނަ ގޮތުން ބޯޑު މެންބަރުންގެ ޢަދަދު ހަމަކުރަން 30 ދުވަހުގެ މުހުލަތެއް ލިބެއެވެ. އައު އިސްލާހުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހުސްވެފައިވާ ނަމަވެސް ރެޖިސްޓްރަރ އޮފް ކޮންމެނީސް އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި މަޤާމަށް މީހަކު އައްޔަން ކުރަން ޖެހޭނެކަމަށް މި އިސްލާހުގައި ބަޔާން ކުރެއެވެ.
ކުންފުނީގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމުންނެވެ.