ޚަބަރު

ޕީޖީގެ ޒިންމާ އަދާކުރުމުގައި މޫނަކަށް، ކަނދުރާއަކަށް ނުބަލާނަން: ޢައްބާސް


  • ނުފޫޒުން އެއްކިބާވާނެކަމުގެ ޔަޤީންކަން ދެއްވި

  • ޕީޖީއަށް އައްޔަންކުރަން ފާސްވީ ކޮމިޓީގެ އިއްތިފާޤުން

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، ޤާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރައްވާނެކަމަށް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. މި މައްސަލަ ދިރާސާކުރައްވާ ޖުޑީޝަރީ ކޮމިޓީން ވަނީ އައްބާސްއާ އިންޓަވިއުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެއްވެސް ސިޔާސީ ބޭފުޅެއްގެ އިޝާރާތެއް ލިބިވަޑައިނުގަންނަވާކަމަށެވެ. އަދި އެ މަގާމަށް ޢައްޔަންކުރައްވައިފިނަމަ ހުންނަވާނީ މިނިވަން ބޭފުޅެއްގެ ގޮތުގައިކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނެވިއިރު ސިޔާސީ ބޮޑެތި މައްސަލަތަކާއި ތަފާތު އެކި ކުށުގެ ބޮޑެތި މައްސަލަތައް ބައްލަވާފައިވާނެކަން ފާހަގަކުރައްވައި ޢައްބާސް ވިދާޅުވީ އެމަނިކުފާނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިނަމަވެސް އޭރުވެސް އެއްވެސް މީހެއްގެ ނުފޫޒުގައި ޖެހިވަޑައިގެންފައި ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް ޢައްބާސް ވިދާޅުވިއެވެ.

"ކުރީގެ ރައީސުންގެ މައްސަލަތައްވެސް އަޅުގަނޑު ބަލާފައި ހުންނާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްސަލަތައްވެސް އަޅުގަނޑު ބަލާފައި ހުންނާނެ. އެ މައްސަލަތަކުގައި ހުކުމްވެސް ކޮށްފައި ހުންނާނެ. އޭރުވެސް އެކަން ކުރެވުނީ އަޅުގަނޑު ނަޒާހަތްތެރިކަމާއެކު އެކަން ކުރަން ކުރިމަތިލީމަ. ހަމަ އެ ސްޕިރިޓް (އަޒުމް) ގައި އަދިވެސް އަޅުގަނޑު ކުރިމަތިލީ،" ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ބައްލަވާނީ ކުށުގެ ހުރިހާ އުންސުރުތައް ހަމަވޭތޯއާއި، ދައުވާ ސާބިތުވާވަރަށް ހެކި ހުރިތޯ ކަމަށެވެ. އަދި މައްސަލައެއް ޝަރީއަތަށް ފޮނުވާނީ އޭގެ ސަބަބުން މުޖުތަމަޢުއަށް ކުރާނެ އަސަރު ބެއްލެވުމަށްފަހު ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.

ކުދި މައްސަލަތަކުގައި ދަޢުވާ ކުރުމުގެ ބޭރުން އެޅިދާނެ ފިޔަވަޅުތައް ހުރިތޯ ބައްލަވާނެ ކަމަށާއި، ބޭނުންފުޅުވަނީ މީހުން ކުށްވެރިކުރަން ނޫންކަމަށް ޢައްބާސް ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ ކުށް ނުކުރާ މުޖުތަމަޢުއެއް ބިނާކުރުމަށް ކަމަށާއި، ކުށަަށް އަރާގަންނަ މީހުން ރިހެބިލިޓޭޓްވެގެން މުޖުތަމަޢުއަށް ނުކުންނަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޢައްބާސް ޝަރީފް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފް ޢައްޔަންކުރަން ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ. އެގޮތަށް ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.