ޚަބަރު

ޑްރަގު ރިހެބިލިޓޭޝަން ފަރުވާ ފާއިތުވި 6 މަސްދުވަހު 400 އަށްވުރެ ގިނަ މީހުންނަށް


  • ފަނާރުގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި

  • ޖުމްލަ 446 ފަރާތެއްގެ ފަރުވާފެށި އަދި ފަރުވާގެ އެކި މަރުޙަލާތައް ނިންމާފައިވޭ

މަސްތުވާތަކެތިން ސަލާމަތްވުމަށް ދޭ ޑުރަގް ރިހެބިލިޓޭޝަން ފަރުވާ ފާއިތުވި 6 މަސްދުވަހު 400 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެން.ޑީ.އޭއިން ހާމަކޮށްފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ، އެން.ޑީ.އޭއިން ވިދާޅުވީ، ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާއި އެއްގޮތަށް ކޮމިއުނިޓީ ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ 700 އަށް ވުރެ ގިނަ ފަރާތްތައް ފަރުވާއަށް ވެއްދުމުގެ ގޮތުން "އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް 2023 ޑިސެމްބަރ 10 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 446 ފަރާތެއްގެ ފަރުވާފެށި އަދި ފަރުވާގެ އެކި މަރުޙަލާތައް ނިންމާފައިވާކަމަށެވެ. އެން.ޑީ.އޭއިން ވިދާޅުވީ، އެކި ސަބަބުތަކާ ހެދި ފަރުވާ ނުފެށިތިބި 254 އެބަތިބިކަމަށެވެ. އެހެންނަމަވެސް ފާއިތުވި 6 މަސް ދުވަހު މި އޮޕަރޭޝަންގެ ދަށުން %65 ފަރާތަކަށް ފަރުވާ ފެށި ޚިދުމަތް ފޯރުކޮށްދެވިފައިވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

އެން.ޑީ.އޭއިން ވިދާޅުވީ، ކޮމިޔުނިޓީ ފަރުވާއަށް އަމުރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަރެކްޝަންގެ ބަންދުގައި ތިބި ފަރާތްތަށް ބަންދުގައި ބައިތިއްބައިގެން ފަރުވާ ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ކޮމިއުނިޓީ ފަރުވާއަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ ފަރާތްތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުމުގައެި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރިއިންޓަރގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށްފައިވާކަމަށް އެން.ޑީ.އޭއިން ވިދާޅުވެއެވެ.

އެގޮތުން އެމީހަކު ހުރި ރަށަކުން ފަރުވާ ކުރިޔަށް ގެންދިޔުމަށްޓަކައި، ޞިއްޙަތާ ބެހޭ ވުޒާރާގެ އެހީގައި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ގުޅިގެން ރަށްރަށުގައި ފަރުވާ ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައި ފަރުވާ ފެށިފައިވާކަމަށް އެންޑީއޭއިން ވިދާޅުވެއެވެ. އަދި އެއާއި އެއްގޮތަށް ފަރުވާގެ ޚިދުމަތްތައް ޖުމްލަ 110 ރަށެއްގައި ލިބެމުންދާކަމަށްވެސް ނޭޝަނަލް ޑްރަގް އެޖެންސީ ފާހަގަކުރެއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ހައްލުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢަށް ނެރުމަށް ޚާއްޞަ ސިޔާސަތުތަކެއް އަންނަނީ އެކަށައަޅަމުންނެވެ.