ޚަބަރު

މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، ކުޅަދާނަވީވަރަކުން އަޅުކަމުގައި ދެމިހުރުން މުހިންމު: ޚުޠުބާ


  • ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ ﷲގެ ސުންނަތެއް

މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކުން އަޅުކަމުގައި ދެމިހުރުމަކީ މުހިންމު ކަމެއްކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާ މަޢުޟޫއަކީ "ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން" މިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ދުނިޔޭގެ ހަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ ﷲގެ ސުންނަތެއްކަމަށެވެ. اللهއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މިކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައިކަމަށެވެ. އެކަންކަން އެގޮތުގައި ހިނގަމުންދަނީ اللهގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވަނީ މާތް اللهގެ ނަބިއްޔާ އައްޔޫބް އަލައިހިއްސަލާމްގެ ހަޔާތްޕުޅަށެވެ. އެގޮތުން މާތް اللهގެ ނަބިއްޔާ އައްޔޫބް އަލައިހިއްސަލާމަށް ކުރިމަތިކުރެއްވި އިމްތިޙާނާ އެއިމްތިހާނާ ކުރިމަތިލެއްވި ގޮތް ހަނދާނަށްގެނެސް އެއިން އިބްރަތް ލިބިގަތުމަށް ވަނީ ހަނދާންކޮށްދީފައެވެ.

މާތް الله އައްޔޫބުގެ ފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީންނާއި ޢަދަދު ނުކުރެވޭ ވަރަށް ދަނޑުފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް އެކަލޭގެފާނުގެ ޚިދުމަތުގައި ވިއެވެ. ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވިއެވެ. އޭގެ ފަހުގައި الله ތައާލާ އެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވިކަމަަށް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވާކަމަށެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވިކަމަށެވެ. އަދި ހުރިހައި އަޅުންނާއި، ޚާދިމުންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރީން، އެކަލޭފާނު ދޫކޮށް ދިޔަކަމަށެވެ. އެހެންނަމަވެސް ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. ‏(‏‏إِنَّ أَيُّوبَ نَبِيَّ اللهِ ﷺ لَبِثَ فِيْ بَلَائِهِ ثَـمَانِيَ عَشْرَةَ سَنَةً، فَرَفَضَهُ الْقَرِيْبُ وَالْبَعِيْدُ، إِلَّا رَجُلَيْنِ مِنْ إِخْوَانِهِ، كَانَا مِنْ أَخَصِّ إِخْوَانِهِ، كَانَا يَغْدُوَانِ إِلَيْهِ وَيَرُوْحَانِ..) މާނައީ: "ހަމަކަށަވަރުން الله تَعَالَىގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގަތް އާލާސްކަންފުޅުގައި އަށާރަ އަހަރު ހޭދަކުރެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެކަލޭގެފާނުގެ ހުރިހައި ރަޙްމަތްތެރީން އެކަލޭގެފާނު ދޫކޮށްދިޔައެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ޒިޔާރަތްކުރަމުންދިޔަ އެކަލޭގެފާނުގެ އެންމެ އަރިސް ދެ އަޚަކު ފިޔަވައެވެ. ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވި" ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީﰋއައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަމެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށެވެ. އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަމުންދާކަމަށް ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، އަހަރެމެން اللهއަށް އީމާންވެގެން ތިބިނަމަވެސް މިދުނިޔޭގެ ހަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިޙާނުކުރައްވާނެކަމެވެ.