ޚަބަރު

ފުއާދުގެ މަޤާމުގެ ދައުރު ހަމަވާތީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލައިފި


  • ފުއާދުގެ ދައުރު ނޮވެމްބަރު 23އަށް ހަމަވާނެ

  • މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މަޤާމުގެ ދައުރު ހަމަވާތީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.

ރައީސް އޮފީހުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ އެ މުއްދަތުގެ ތެރޭގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00އަށް ރައީސް އޮފީހުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ. އެއާއެކު ކޮމިޝަނުގައި މެންބަރުގެ މަގާމާއި ރައީސްގެ މަގާމު ހުސްވާނެއެވެ. އެ ކޮމިޝަންގެ މެންބަރަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެކަމަށް އެދޭ މީހުންގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވައިގެން މަޖިލީހުން އެ ނަން ފާސްކުރެއްވުމަށްފަހުއެވެ.

ކޮމިޝަނުގެ ރައީސަކަށް ވެވަޑައިގަންނަވާނީ އެ ކޮމިޝަނުގެ 5 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން އިއްތިފާގުވާ މެންބަރެކެވެ.