ޚަބަރު

ޕީޖީގެ މަޤާމަށް ޢައްބާސް އައްޔަންކުރުމަށްޓަކައި ނަން ދިރާސާކުރަން ކޮމިޓީއަށް


  • ނަން ދިރާސާ ކުރުމަށް ފޮނުވީ ޖުޑީޝަރީ ކޮމިޓީއަށް

  • އައްބާސް މިހާރު ހުންނެވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގައި

ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޢައްބާސް ޝަރީފްގެ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އެމަނިކުފާނު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ޢައްބާސް ޝަރީފްގެ ނަން ހުށަހެޅުއްވީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލެއްވުމަށްފަހުއެވެ. މި ފުރުސަތުގައި ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައްވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވާފައިވާ އަލްއުސްތާޛް އައްބާސް ޝަރީފް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނު ބުނާގޮތުން ޕީޖީގެ މަޤާމު އެއްވެސް ޙާލަތެއްގައި ހުސްވެއްޖެނަމަ، މަޤާމު ހުސްވާތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަން ޖެހެއެވެ. އެހެންކަމުން، މިވަގުތު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ދައުރުން ޖަލްސާ ބޭއްވުމަށް ނިންމެވީވެސް ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށެވެ.

ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ރިޔާސަތުން ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވެވުމަށްފަހު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޕީޖީގެ މަޤާމަށް އައްޔަންކުރެއްވުމަށް ނަން ފޮނުއްވާފައިވާ އަލްއުސްތާޛް އައްބާސް ޝަރީފަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

ޕީޖީ އައްޔަން ކުރެއްވުމަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ނިމުނު ދައުރުގެ ފަހު ޖަލްސާގައި ރިޔާސަތުން ވަނީ ނިންމަވާފައެވެ. މިރޭގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން އިއުލާންކުރެއްވި ގޮތުގައި ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ބާއްވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.