މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިޕްރޮގްރާމްގެ ދަށުން މިހާރުވެސް 12 ރަށެއްގައިވަނީ ގްރީންހައުސްތައް ޤާއިމްކޮށްފައެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިއަށްގެންދަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައެވެ. 12 ރަށެއްގައި ގްރީންހައުސްތައް އަޅައި މިހާރު ދަނީ ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް ހައްދަމުންނެވެ.
އުތުރުގެ އިތުރު 5 ރަށެއްގައި ގްރީންހައުސް އެޅުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ފާތިމަތު ޝާއިއާއެވެ. އަދި ވިސީ ގްރޫޕް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދުއެވެ.
ގްރީންހައުސް އެޅުމަށް ސޮއިކުރެވުނު ރަށްތަކަކީ ހދ.ކުމުންދޫ، ހދ.ހަނިމާދޫ، ށ.ބިލެއްފަހި، ށ.ކަނޑިތީމު އަދި ށ.ފޭދޫއެވެ. މި އެއްބަސްވުމުގެ ދަށުން މި 5 ރަށުގައި ގްރީންހައުސް އަޅައިގެން މެލަން އަދި ކިޔުކަންބާ ހައްދާނެގޮތުގެ ތަމްރީން ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ޒަމާނީ ގޮތަށް ދަނޑުވެރިކަން ކުރުމާއި އަދި ދަނޑުވެރިކަން ކުރުމުގެ ތެރެއަށް ޒުވާނުން ވަންނާނެގޮތަށް ރާވައިގެން ދަނޑުވެރިކަން ކުރިއަށްގެންދިއުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މި ގްރީންހައުސްތަކުގައި މިވަގުތު ހައްދަމުންދަނީ މެލަން އާއި ކިޔުކަންބާކަން ފާހަގަކުރައްވައި ވަޒީރު ރަމީލާ ވިދާޅުވީ، މުޅިން އަލަށް ޓޮމާޓޯ، ކެޕްސިކަމް އަދި ތޮޅިމިރުސް ހެއްދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
"މިހާރު 12 ރަށެއްގައި ވާނީ ގްރީންހައުސް އަޅާފައި. އަދި އެ ގްރީންހައުސްތަކުގައި މިހާރުވެސް ދަނީ ދަނޑުވެރިކަން ކުރެވެމުން. މި ޕްރޮޖެކްޓްގެ ދަށުން މިދެންނެވި 3 އަތޮޅުގެ ހޮވާލެވިފައި މިވާ 26 ރަށުގައި އަޅުގަނޑުމެންނަށް މިހާރު ޖުމްލަ 224 ދަނޑުވެރިއަކު ވާނީ ތަމްރީންކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ މަޤްސަދަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅަށް އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދައި އެކަމަށް އަހުލުވެރިކުރުވުންކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.