ޚަބަރު

ރާއްޖެއިން ބޭރަށް ގިނަ ޢަދަދެއްގެ ޑޮލަރު ގެންދަން އުޅުނު ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި


  • އޭނާގެ މައްޗަށް ކުރަނީ މަނީލޯންޑަރިންގެ ތުހުމަތު

ގިނަ ޢަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅުނު ބިދޭސީއަކު ފުލުހުން ޙައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ ބިދޭސީ މީހާ ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހު މާލެއިން ކޮލަމްބޯއަށް ފުރުމަށް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށެވެ. އިންޑިއާއަށް ނިސްބަތްވާ 27 އަހަރުގެ ޢަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ހައްޔަރުކޮށްފައިވަނީ މަނީ ލޯންޑަރިންގެ ތުހުމަތުގައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 3 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައެވެ. އެ މުއްދަތު ހަމަވެ، އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު 10 ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވިދާޅުވެފައިވަނީ އޭނާގެއަތުން ހިފެހެއްޓި ފައިސާ ލިބުނު ގޮތް ފޯނުގައި ހުންނާނެ ކަމަށާއި އެކަމުގެ ތަފްސީލް ބަޔާން ނަގާއިރު ހާމަކޮށްދޭނެކަމަށް އޭނާގެ ވަކީލު ވިދާޅުވި ކަމަށެވެ. އަދި މަނީލޯންޑަރ ކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައިވާ ނުވާ ކަމަށް ވަކީލު ވިދާޅުވި ކަމަށްވެސް ޢަމުރުގައި ވަނީ ވިދާޅުވެފައެވެ.

ފުލުހުން ކޯޓުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާއަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާއިރު އެއީ އެހެން މީހުން އޭނާއާ ހަވާލުކުރި ޑޮލަރުކަން ދޭހަވާ ފަދަ ލިޔުން ފެނިފައިވާކަމަށެވެ. އޭނާއަކީ ވަރަށް ގިނައިން ރާއްޖެއަށް އެތެރެވާ މީހެއްކަމާއި، ރައްޖެ އަންނަ ދުވަހާ ޖެހިގެން އަންނަ ދުވަހު ފުރައިގެންދާގޮތަށް، ދަތުރުކުރާ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާގެ އަތުން ދެ ޕާސްޕޯޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވީ އޭނާގެ ދަތުރުކުރާ ހިސްޓްރީއަށް ބަލާއރު ޝައްކުވާފަދަ އަމަލުތަކެއް ހުރުމުންނާއި ތުހުމަތުކޮށްފައިވަނީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުންނެވެ.

ގިނަ ޢަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ އަތުން އެއްލައްކަ ޑޮލަރު ފެނިފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.