ޚަބަރު

ޤައުމުގެ ދަރަނި އަރަންޏަށް ހެދުމަށް ޒުވާން ސިކުނޑިތައް ބޭނުން: އިޤްތިޞާދީ ވަޒީރު


  • ސަރުކާރާއެކު މަސައްކަތް ކުރުމަށް ޒުވާނުންނަށް އޮތީ ފުރުސަތު ފަހިވެފައި

ޤައުމުގެ ހާލަތު ބަދަލުކުރުމަށް ސަރުކާރާއެކު ޒުވާނުން މަސައްކަތްކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެދިވަޑައިގެންފިއެވެ. ވަޒީރު މިކަމަށް އެދިވަޑައިގަތީ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވިލާކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް ރީބްރޭންޑް ކުރުމާއި އިންކިއުބޭޝަން ސެންޓަރ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެ މިއަދު އޮތް ހިސާބަށް ބަލާއިރު ޤައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމުގެ ތެރެއިން އަދި އެހެން ސިނާއަތްތަކުންވެސް އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައިކަމަށެވެ. އެގޮތުން ދަރަނި އޮތީ 122 ބިލިއަން ރުފިޔާގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ޒުވާން ތައުލީމީ ރައީސެއް ޤައުމު ބިނާކުރުމަށް މަސައްކަތް މިއަދު ކުރަމުންއަންނައިރު، ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީރު ވަނީ ޤައުމު ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.

"ތިބޭފުޅުންނާއިއެކު މަސައްކަތްކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ. އަޅުގަނޑުމެންނަށް ކުރެވޭނެ ކޮށްދެވޭނެ ކަންތައްތައް އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ. އެއީ ރާއްޖޭގެ ހުރިހާ ކޮލެޖްތަކަށް ސްކޫލްތަކަކަށްވެސް. އެހެންވީމަ އަޅުގަނޑު އެދެނީ ސަރުކާރާއެކުގައި ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ތިބޭފުޅުން ނޭޝަން ބިލްޑިންއަށް އައު ޖޯޝެއްގައި އައު ފޯރިއަކާއިއެއްކޮށް މަސައްކަތް ކޮށްދެއްވުން. އިނޮވޭޓިވް އައު ސެކްޓަރތަކަށް ވަދެވަޑައިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވުން. އަޅުގަނޑުމެން ޤައުމުގެ ރޭޓިން ބަދަލުކުރާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ދަރަނި އަރަންޏަށް ހެދޭނީ އަޅުގަނޑުމެން އެންމެން އެކުގައި އެއްކޮށް މަސައްކަތްކޮށްގެން." ސަޢީދު ވިދާޅުވިއެވެ.

ވިލާކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް ރީބްރޭންޑްކޮށް އަލުން ހުޅުވާފައިވަނީ ޤާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސްގެ ނަމުގައެވެ. އަދި އެ ކޮލެޖްގައި މުޅިން އަލަށް ވަނީ އިންކިއުބޭޝަން ސެންޓަރެއް ހުޅުވާފައެވެ. ދަރިވަރުން ވިޔަފާރިއާ ގުޅޭ ނުވަތަ އުފެއްދުންތެރިކަމާ ގުޅޭ ޚިޔާލެއް އެ ސެންޓަރަށް ގެންނަ ހިސާބުން އެ ޕްރޮޖެކްޓް ހަޤީގަތަކަށް ހެދުމަށް އެހީތެރިވެދޭނެއެވެ. އެގޮތުން ފަންޑިން ހޯދައިދިނުމާއި ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭނެކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފައެވެ.