އަޑުގަދަކޮށް ދުއްވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް، އެ އުޅަނދެއްގެ މޮޑިފިކޭޝަން ނުވަތަ ގެނެސްފައިވާ ބަދަލެއް ރަނގަޅުކުރުމުން ނޫނީ އަނބުރާ ދޫނުކުރާގޮތަށް ޤަވާއިދަށް އިޞްލާހު ގެނެސްފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދަށް ވަނީ ދެވަނަ އިސްލާހު ގެނެސްފައެވެ. މި އިސްލާހުގައި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ މުއްދަތު ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އުޅަނދަކަށް ދީފައިވާ ރަޖިސްޓްރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކޮށްގެން ދުއްވުމުގެ ސަބަބުން ފުލުހުން ހިފަހައްޓާ އުޅަނދުތައް ދޫކުރާނީ 15 ދުވަހުގެ މުއްދަތެއް ހަމަވުމުންނެވެ. ނަމަވެސް އެ އުޅަނދޫ ދޫކުރެވޭނީ ދީފައިވާ ރަޖިސްޓްރީ ނަންބަރު ރަނގަޅުކޮށް، އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އަނބުރާ ގެންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރުމަށްފަހުއެވެ.
ރަޖިސްޓްރީ ނުކުރާ އެއްގަމު އުޅަނދެއްގައި ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ނަންބަރެއް ހަރުކޮށްގެން ދުއްވާ އުޅަނދެއް ހިފަހައްޓައިފިނަމަ ޖިނާޢީ ތަހުގީގެއް ކުރަންޖެހޭނަމަ އެ ތަހުގީގެއްކޮށް ނިމެންދެން އުޅަނދު ދޫނުކުރާގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ. އަދި ތަހުގީގެއް ނުކުރާނަމަ އުޅަނދު ދޫކުރާނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރަޖިސްޓްރީ ކުރުމުން ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ދުވެލީގެ މިންގަނޑާ ޚިލާފަށް ދުއްވައިގެން ދެ ފަހަރަށްވުރެ ގިނަ ފަހަރު ހިފަހައްޓާ އުޅަނދުތައް ދޫކުރާނީ 15 ދުވަހުގެ މުއްދަތަކަށް ފަހުއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދެއް 30 ދުވަހުގެ މުއްދަތަށް ހިފަހައްޓާނެއެވެ.
ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދުތައް 15 ދުވަހަށްފަހު ދޫކުރާއިރު ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް އުޅަނދެއްނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާތާ 48 ގަޑިއިރު ހަމަވުމުން ދޫކުރެވޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
މި އިސްލާހުގައިވާ ގޮތުން އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާނަމަ އެކަމެއް ރަނގަޅުކުރަން ފުލުހުން އެންގުމުން އަމަލުނުކޮށްފިނަމަ 15 ދުވަހަށް އުޅަނދު ހިފެހެއްޓޭނެއެވެ. އަދި ހުއްދަ ނެތި އުޅަނދެއްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރަށް ބަދަލު ގެނެސް ދުއްވާ އުޅަނދުތައް ހިފަހައްޓައިފިނަމަ ޖިނާޢީ ތަހުގީގެއް ހިންގައި އުޅަނދު ދޫކުރެވޭނީ އެ ތަހުގީގު ނިމުމަށްފަހު 7 ދުވަސް ފަހުންނެވެ.
ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވާ އުޅަނދެއް ހިފަހައްޓައިފިނަމަ އެ އުޅަނދު ދޫކުރާނީ އެ ގެނެސްފައިވާ މޮޑިފިކޭޝަން ނުވަތަ ބަދަލު ރަނގަޅު ކުރުމުންނެވެ. އަދި އެ މޮޑިފައިކޮށްފައިވަނީ ސައިލެންސަރު ނުވަތަ ބަރުގޮނުފަދަ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ އެއްޗެއްނަމަ އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލަންޖެހޭނެ ކަމަށާއި އުޅަނދު ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށްފަހު ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން އެކްސިޑެންޓުގެ މައްސަލަތަކާ ގުޅުގިގެން ހިފަހައްޓާ އުޅަނދުތައް ދޫކުރެވޭނީ ތަހުގީގަށް އުޅަނދު ހިފެހެއްޓި ބޭނުން ނިމުމަށްފަހު ކަމަށްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދެއް ގެންގޮސްފިނަމަ އެ އުޅަނދެއް ދޫކުރެވޭނީ އުޅަނދުގެ ވެރިފަރާތުން ދައްކަންޖެހޭ ޖޫރިމަނާތައް ދެއްކުމުން ނުވަތަ ދައްކާކަމުގެ ލިޔުން ހުށަހަޅައިގެންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރާ މުއްދަތުގައި ހަވާލުނުވެއްޖަނަމަ 60 ދުވަހުގެ ތެރޭގައި އެ އުޅަނދާ ހަވާލުވާން އިއުލާން ކުރާނެއެވެ. އެ މުއްދަތުގައި ހަވާލުނުވެއްޖެނަމަ ރަޖިސްޓްރީ ބާތިލުކުރަން ހުށަހަޅަންޖެހޭނެ ކަމަށާއި 7 ދުވަހުގެ ތެރޭގައި މިނިސްޓްރީން ރަޖިސްޓްރޭޝަން ބާތިލްކުރަންޖެހޭނެ ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ހަވާލުވާން އިއުލާންކުރާ މުއްދަތުގައި ހަވާލުނުވާ އުޅަނދުތައް ނީލަމެއްގައި ވިއްކާލުން ނުވަތަ އެ އުޅަނދެއް ނައްތާލުމުގެ ބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބެއެވެ.