މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ގދ. ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކޮށް އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.
މިފްކޯއިން ވިދާޅުވީ، ގައްދޫ އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެކަމަށެވެ. ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ޚިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެކަން އެކުންފުނިން ފާހަގަކުރެއެވެ.
މިކަމުގެ ސަބަބުން މަސްވެރީންނަށް ފަސޭހައިން އައިސް ލިބިގެންދާނެކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރިއިރު، މިފްކޯގެ ބެލުމުގެ ދަށުން އިތުރު 5 ރަށެއްގައި ދަނީ އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުންނެވެ.
* ހޯރަފުށި - 25 ޓަން (ފްލޭކްސް)
* މަޑުއްވަރި - 25 ޓަން (ފްލޭކްސް)
* ގާފަރު - 25 ޓަން (ފްލޭކްސް)
* ގައްދޫ - 50 ޓަން (ފްލޭކްސް)
* ތިނަދޫ - 50 ޓަން (ބްލޮކް އައިސް)
* ފުވައްމުލައް - 25 ޓަން (ފްލޭކްސް)
* ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް - 100 ޓަން (ބްލޮކް އައިސް)
* ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 80 ޓަން (ބްލޮކް އައިސް)
* އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 50 ޓަން (ފްލޭކްސް)
މީގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެސް މިފްކޯއިން ވަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތާއި އަދި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް އާރުއެސްޑަބްލިއު ސިސްޓަމް ދޯނިފަހަރުގައި ހަރުކުރުމަށް ލޯނު ދޫކުރުން ހިމެނެއެވެ.