އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.
ށ. އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ޞިއްޙީ މަރުކަޒު ސަރަޙައްދުގައި ކުރިޔަށްދިޔަ މި ސަޤާފީ ހަވީރުގައި ޤައުމީ ދުވަހާ ގުޅިގެން މާއުނގޫދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ އިހުގެ ދިވެހީންގެ ދިރިއުޅުމާއި، ކޮށްއުޅުނު މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކެއްވެސް އެސަރަޙައްދުގައި ގާއިމުކޮށްފައިވެއެވެ. އަދި މިހަވީރުގައި މާއުނގޫދޫ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ޤައުމީ ދުވަހާ ގުޅުވައިގެން ތަމްސީލާ ދުވަހާގުޅޭ ބައެއް އައިޓަމްތައް ހުށަހަޅައި ދީފަވެއެވެ.
މިސަޤާފީ ހަވީރުގައި ހުށަޅައިދިން ހަރަކާތްތަކާ އެތަނުގައި ގާއިމުކޮށްފައިހުރި ސަޤާފީ ސްޓޯލްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ. މި ހަވީރުގެ ހަރަކާތްތަކުގައި އެރަށުގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާ ޢާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.
މީގެ އިތުރުން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫއަށް ވަޑައިގެންނެވި މެހުމާނުންގެ ޝަރަފުގައި މިރޭ ބާއްވާ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ށ. މާއުނގޫދޫ އަކީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ރަށެކެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގެ އިތުރުން ހއ. އުތީމާއި މާލޭގައިވެސް ޖަލްސާ ބާއްވާފައިވެއެވެ.