ޚަބަރު

ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު 72 މިލިޔަން ޑޮލަރު ޤައުމުން ބޭރަށް ފޮނުވި


  • މިއީ %40 އިތުރު އަދަދެއް

  • އެންމެ ބޮޑު އިންސައްތައެއް ފޮނުވީ ބަންގްލަދޭޝްއަށް

މިދިޔަ އަހަރު ރާއްޖެއިން ރެމިޓެންސްގެ ގޮތުގައި 72 މިލިޔަން ޑޮލަރު ޤައުމުން ބޭރަށް ފޮނުވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ. ރާއްޖޭގައި ރެމިޓެންސްގެ ޚިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭއީން ވަނީ 3 ކުންފުންޏަކަށް ދޫކޮށްފައެވެ.

އެމްއެމްއޭގެ ޕޭމަންޓް ބުލެޓިން ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ފޮނުވާފައިވާ ފައިސާގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު 72 މިލިޔަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %40 އިތުރު އަދަދެއްކަމަށް މި ރިޕޯޓުން ދައްކައެވެ.

2023 ވަނަ އަހަރު ރެމިޓެންސް ޓްރާންސެކްޝަންގެ ގޮތުގައި ހިންގާފައި މުޢާމަލާތުގެ %96 އަކީ ޤައުމުން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދެވެ. މީގެތެރެއިން %84 އަކީ ބިދޭސީން ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދެވެ. އަގުގެ ގޮތުން ބަލާނަމަ އެއީ 59 މިލިޔަން ޑޮލަރެވެ. އަދި ދިވެހިން ރެމިޓެންސްގެ ގޮތުގައި ފޮނުވާފައިވާ ފައިސާގެ އަދަދަކީ 11 މިލިޔަން ޑޮލަރެވެ. އެއީ %16 އެވެ.

ބިދޭސީން ރެމިޓެންސްގެ ގޮތުގައި 59 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު މީގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބަންގްލަދޭޝް މަސައްކަތްތެރިން ފޮނުވާފައިވާ ފައިސާގެ އަދަދެވެ. އެއީ %54.2 އެވެ. 2 ވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ނޭޕާލެވެ. އެއީ %10.6 އެވެ. 3 ވަނައިގައި އުޅެނީ މިޞްރެވެ. އެއީ %7.9 އެވެ. ޕިލިޕީންސް މަސައްކަތްތެރިން %7.1 ހިއްސާކުރާއިރު އިންޑިއާ މަސައްކަތްތެރިން ފޮނުވީ %4 ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ރެމިޓެންސްގެ ގޮތުގައި ދިވެހިން އެންމެ ބޮޑު އަދަދެއް ފޮނުވާފައިވަނީ އިންޑިއާއަށެވެ. އެއީ %14 ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.