ޚަބަރު

ޤައުމީ ލެބޯޓަރީއާއެކު ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އިތުރު ރައްކާތެރިކަމެއް


  • އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރުވާނެ

  • ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުވެގެންދާނެ

  • މި ދާއިރާއިން ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދުމަށް މި ލެބޯޓަރީ މުހިންމު ދައުރެއް އަދާކުރާނެ

ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައި އޮތީ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ. ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމަކީ ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނުރަނގަޅު އަސަރުކުރާ ކަމެކެވެ. ވުމާއެކު އިޤްތިޞާދު ސިންދަފާތުކުރަންވަނީ ޖެހިފައެވެ. ސަރުކާރުތަކުން އެކަމުގެ ވިސްނުން ގެންގުޅުނަމަވެސް އެކަން ހަގީގަތަކަށްވެފައިނެތެވެ.

ނަމަވެސް އަދުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އިޤްތިޞަދު ސިންދަފާތުކުރުމުގެ މަސައްކަތުގެދަށުން ދަނޑުވެރިކަމުގެ ސިނާޢަތުވެސް އިތުރަށް ތަރައްޤީކޮށް، އެއީވެސް އިޤްތިޞާދުގެ މުހިންމު ސިނާޢަތަކަށް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އަދި ދަނޑުވެރިކަމުގެ ބާވަތްތަކަކީ ރައްކާތެރި އަދި އިމްޕޯޓަށް ބަރޯސާ ނުވާ ބަޔަކަށް ހެދުމަށްވެސް ސަރުކާރުން ވަނީ އަމާޒުހިފާ އެކަމުގެ މަސައްކަތްކުރަމުންނެވެ.

ދަނޑުވެރިކަމަކީ ފައިދާ ބޮޑު އަދި އާމްދަނީ ރަނގަޅު މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ. ދަނޑުވެރިކަމަކީވެސް އާމްދަނީ ހޯދޭނެ މަސައްކަތަކަށްވާއިރު ދަނޑުވެރިކަމަށް މުޅި ދިރިއުޅުން ބަރޯސާވެފައިޥާ ޢާއިލާތައްވެސް އުޅެއެވެ.

ފަހަކަށް އައިސް ދަނޑުވެރިކަމުން އުފައްދާ ތަކެތި މާކެޓަށް ނެރޭ މިންވަރު ދަށްވެފައިވާކަން ބައެއް ދަނޑުވެރިން ފާހަގަކުރެއެވެ. މިކަމަށް މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ދަނޑުވެރިން ފާހަގަކުރަނީ ގަސްތަކަށް ބަލިޖެހުމާއި، ފަސްގަނޑު ހަލާކުވުމުގެ ސަބަބުން މުޑުވައް ރަނގަޅު ނުވުމެވެ. މީގެ އިތުރުން، ގަސްތަކަށް ޖެހޭ ބަލިތައް ތަޙްލީލުކުރެވޭނެ ވަސީލަތްތަކާއި، އިތުރު ދިރާސާތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމަކީވެސް ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކެއްގެ ގޮތުގައި ދަނޑުވެރިން ފާހަގަކުރެއެވެ.

ދަނޑުވެރިކަމުގައި އުފައްދާ ތަކެތި ފަހަކަށް އައިސް އުފައްދަމުން އަންނަނީ ތަފާތު އެކި ބޭހާއި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެނެއެވެ. އެހެންވުމުގެ ސަބަބުން އެ ތަކެތި އެންމެ ރައްކާތެރި ނޫންކަމަށް އާންމުގެ ތެރެއިން ގިނަބަޔަކު ފާހަގަކުރެއެވެ. ސިއްޙީ އެތައް މައްސަލަތަކާވެސް ކުރިމަތިލާންޖެހެއެވެ.

ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި، ސަރުކާރުން ވަނީ ޤައުމީ ލެބޯޓަރީއެއް ޤާއިމްކުރުމަށް ނިންމާފައެވެ. މި ލެބޯޓަރީ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގައެވެ. މި މަޝްރޫޢުގެ މަސައްކަތް ވަނީ މިހާރު ބަޔަކާއި ޙަވާލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ޤައުމީ ލެބޯޓަރީގެ މަސައްކަތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއީ އެންމެ މުހިންމު އެއް މަސައްކަތެވެ. ޤައުމީ ލެބޯޓަރީ ޤާއިމްކުރެވުމާއެކު، ދަނޑުވެރިކަމުން އުފައްދާ ތަކެތި ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން މިކަން ފާހަގަކުރައްވައެވެ.

ޤައުމީ ލެބޯޓަރީގެ މި މަޝްރޫޢުގެ ދަށުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ވަޒަންކުރުމާއި، ބޭނުންކުރެވޭ ކެމިކަލްތަކުގެ މިންގަނޑުތައް ދެނެގަތުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ރައްކާތެރިކަން އިތުރުވެ، ޞިއްޙަތަށް ފައިދާހުރި ކާބޯތަކެތި އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު، ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވި ގޮތުގައި، ޤައުމީ ލެބޯޓަރީ ޤާއިމުވެގެން ދިޔުމާއެކު، ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޢަދަދު އިތުރުވާނެއެވެ. އަދި މި ދާއިރާއިން ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދުމަށް މި ލެބޯޓަރީ މުހިންމު ދައުރެއް އަދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

" އަދި މީގެ އިތުރުން ޕްލާންޓް ޓިޝޫ ކަލްޗަރ ކުރުން އެއީ އީޖާދީ ގޮތެއްގައި ދަނޑުވެރިކަން ކުރުމައްޓަކައި އެކި ދިމަ ދިމާލުން ގެނެވޭ ޓިޝޫތައް އެއްކޮށްގެން އަލުން ގަސްތައް ހެއްދުމާއި މިކަހަލަ މައިގަނޑު 4ކަމެއް މި ލެބޯޓަރީގައި ގާއިމްވެގެން ދާނެ. މީ އަސްލު ބަވަނަ ވެފައިވާ ދުނިޔެއްގައި ދަނޑުވެރިކަން ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެން ދާނެ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، ރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން އުންމީދުކުރެއެވެ. މީގެ އިތުރުން، މި ކުރިއެރުމުގެ ސަބަބުން ރާއްޖެއަން އުފައްދާ ތަރުކާރީއާއި މޭވާގެ އަދަދު އިތުރުވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.